އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި އެކަމުގައި ބައިވެރިވުމުގެ ކުށުގައި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޮކްޓޫބަރު 2021 ގައި ހިނގި މި ހާދިސާގައި، މާވިންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާއިރު، ލަމްހާގެ މައްޗަށް ސާބިތުވެފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށެވެ.
ގަސްތުގައި މީހަކު މެރުމުގެ ކުށުގައި މާވިން އެސްވައި (ޔޫސުފް) 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ހަލީމަތު ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނޫން ގޮތުގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ކުށުގައި ޖުމްލަ 15 އަހަރާއި 4 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެެވެ. ނަމަވެސް އޭނާ ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބުން އެ މުއްދަތު އުނިވާނެއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ނަރުހެއްގެ ގޮތުގައި ލަމްހާ މަސައްކަތްކުރި ދުވަސްވަރު އެ ފަދަ އަމަލެއް ހިންގާފައިވަތީ އޭނާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން ދައުލަތުން ވަނީ، ދުރާލާ ރާވައިގެން، އެއްވެސް ކުލުނެއް ނެތި ހިންގި އެ އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ އަދި މަންމަގެ ލޯބިން މަހުރޫމްވެފައިވާކަން ފާހަގަކޮށްފައެވެ.
މިއަދުގެ ޝަރީއަތުގައި ލަމްހާގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ. އަދި މިގޮތަށް ލަމްހާގެ ފަރާތުން އެދުނީ އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވާތީ އާއި ލަމްހާއަކީ ކުދިންނަށް ޓިއުޝަންދީ އަދި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކަށްވާތީކަން ވަނީ ފާހަގަކޮށްފައެވެ. އޭނާ ޖަލު އިތުރަށް ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ކަން ލަމްހާގެ ވަކީލުވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ އެ ކުށުގައި ލަމްހާ އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި މިންވަރު އަދި މޭރީގެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭކަމަށެވެ. އަދި މޭރީ މަރާލުމުގެ ގަސްތު ލަމްހާގެ އޮތް ކަމާއި އެކަމުގައި އެންމެ މަތީ ދަރަޖައަށް ލަމްހާ ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން ގާޒީ ނިންމެވީ ލަމްހާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައަޅަން ޖެހޭ ހާލަތެއް އަދި އަދަބު ދަށް ކުރަން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށެވެ.
