ބަރަބޯ ޕިރިނީ އަކީ ހުވަދޫ އަތޮޅު މީހުންގެ މެދުގައި ވަރަށް މަޝްހޫރު ފޮނި ކާއެއްޗެކެވެ. މި ކެއުމަކީ ހުވަދޫ މީހުންގެ 'ހާއްސަ' ކެއުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވީ ނަމަވެސް މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ މީހުންނަށްވެސް މީރު ކެއުމެކެވެ. ބަރަބޯ ޕިރިނީ އަކީ ރޯދަމަހު ހާރު ކެއުމަށްވެސް ފައިދާހުރި ރަނގަޅު ކެއުމެކެވެ.

ބޭނުންވާ ތަކެތެ

  • 3 ޖޯޑު ގާނާފައި ހުރި ބަރަބޯ
  • 1 ދަޅު ގެރިކިރު (ބަދަލުގައި އިވަޕްރޭޓަޑް މިލްކްވެސް ބޭނުންކުރެވިދާނެ)
  • 1 ޖޯޑު ކޯންޕްލާ
  • 3 ކާފޫރު ތޮޅި
  • 3 އިންޗި ފޮނިތޮށި
  • ރަހަލާވަރަށް ރާނބާ ފަތްކޮޅެއް
  • 1 ސަމުސާ މާފެން
  • ކަނަމަދު (ބޭނުން ބާވަތެއްގެ ނަޓްސް ބޭނުންކުރެވިދާނެ)

ތައްޔާރުކުރާނެ ގޮތް

ފެނާއި ރާނބާ ފަތް ތެއްޔަކަށް އެޅުމަށް ފަހު ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ގާނާފައި ހުރި ބަރަބޯ ކޮޅު އަޅާލާށެވެ. ބަރަބޯކޮޅު މަޑުވަންދެން މަޑުގިނީގައި ކައްކާލާށެވެ.

އިތުރު ތެއްޔަކަށް ކާފޫރު ތޮޅި، ފޮނިތޮށި އަދި ގެރިކިރު ނުވަތަ އެވަޕްރޭޓަޑް މިލްކް އަޅާލުމަށް ފަހު 10 މިނެޓް ވާންދެން މަޑު ގިނީގައި ކައްކާލާށެވެ. ބޯތައްޓެއްގެ ތެރެއަށް ކޯންފްލާ ކޮޅު ރަނގަޅަށް ގިރާލުމަށް ފަހު މަޑުކުރި ބަރަބޯލާއި ކިރު އެއް ތެއްޔަކަށް އަޅާލުމަށް ފަހު މިކްސް ކޮށްލާށެވެ. ހުރިހާ ތަކެތި ރަނގަޅަށް އޮލަވަންދެން ކައްކާލުމަށް ފަހު އޭގެ ތެރެއަށް މާފެން އަޅާލާށެވެ.

ތެލީގައި ހުރި ތަކެތި ތަބަކަށް އެޅުމަށްފަހު މައްޗަށް ނަޓްސް ކޮޅު އަޅާލުމަށް ފަހު ފްރިޖްގައި ބަހައްޓާށެވެ.

ސިއްހީ ފައިދާ

ބަރަބޯ ޕިރިނީ ހެދުމަށް ބޭނުންކޮށްފައިވާ ތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ކެއުމެކެވެ. 1/3 ޖޯޑު ބަރަބޯގައި ދުވާލަކަށް ބޭނުންވާ 29-23 ޕަސެންޓްގެ ވިޓަމިން އޭ ހިމެނެއެވެ. މި ރެސިޕީ ތައްޔާރުކުރުމަށް ގެރިކިރުގެ ބަދަލުގައި އިވަޕްރޭޓަޑް މިލްކް ބޭނުންކުރެވޭ އިރު މިއީ ފޮނިމަޑުކޮށް ކާން ބޭނުންވާ މީހުންނަށް ބަރަބޯ ޕިރިނީ ތައްޔާރު ކުރެވިދާނެ ގޮތެކެވެ.