ސަރުކާރުން ހިންގާ ތިލަމާލެ ބްރިޖާއި އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ހިންގާ އެފްކޮންސް ވިއްކާލިޔަސް މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ ބިލިއަނަރު އަދި އެފްކޯންސް ކުންފުނީގެ ޗެއާމަން ޝާޕޫރު މިސްޓްރީގެ ޝަޕޫރްޖީ ޕަލޮންޖީ (އެސްޕީ) ގުރޫޕުގެ ދަރަނި އަދާކުރުމަށް އެ ކުންފުނީގެ މޭޖާ ހިއްސާ އޮންނަ، ރާއްޖޭގެ ބްރިޖް ހަދާ އެފްކޯންސް އިންސްފްރާސްޓްރަކްޗާގެ ހިއްސާ ވިއްކާލަން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކުންފުނިތަކުގެ މުދާ ގަތުމާއި ވިއްކުމަކީ އާއްމުކޮށް ހިނގާ ކަންތައްތައް ކަމަށެވެ.
އެގޮތަށް ބްރިޖު ހަދާ ކުންފުނި ވިއްކާލިޔަސް ބްރިޖްގެ މަސައްކަތް ނުހުއްޓޭ ކަމަށާއި އެކި ހިސާބުތަކުގައި ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް ކުރިއަށް ދާނެކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ޝެޑިއުލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، އެފްކޯންސް ވިއްކާލުމުގެ ކަންކަމުގައި ސީދާ ދިވެހި ސަރުކާރާއެކު އެ ކުންފުނިން މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.
އެފްކޯންސް ކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫއުގެ ދަށުން 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ހިންގާ މި މަޝްރޫއަަކީ 8.2 ބިލިއަން ރުފިޔާ ހަރަދު ވާނެ މަޝްރޫއެކެވެ. އަދި އައްޑޫ މަގު ހެދުމަކީ 1.1 ބިލިއަން ރުފިޔާ ހަރަދުވާނެ މަޝްރޫއެކެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، އެސްޕީ ގްރޫޕުން ބަލަނީ ދަރަނި އަދާކުރުމަށް އެ ކުންފުނީގެ ބައެއް އިންފްރާސްޓްރަކްޗާ އަދި ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކައިގެން ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރު ހޯދުމަށް ކަމަށެވެ. އޭގެތެރޭގައި އައިސީއައިސީއައި ބޭންކުން 47 ޕަސެންޓް ގަތް އެފްކޮންސް އިންފްރާސްޓްރަކްޗާ އާއި މެޓަލް ވިޔަފާރިވެރިޔާ ސާރާ އިންޓަނޭޝަނަލް އާއި އޮރިއްސާ ސްޓީވްޑޯރެސްގެ ވިޔަފާރިވެރިޔާ މަހިމާނަންދާ މިޝްރާގެ އަތުން ހޯދާފައިވާ އެސެޓެއް ކަމަށްވާ ގޯޕާލްޕޫރު ޕޯޓްސްގެ ހިއްސާ ވިއްކާލަން ވަނީ ނިންމާފައެވެ.
އެސެޓް މޮނިޓައިޒޭޝަންގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރާނީ ދަރަނި އަދާކުރުމަށާއި އެހެނިހެން ކަންކަމަށް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.