މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ "ތިލަމާލެ ބްރިޖު" ފަރުމާކޮށްފައިވަނީ 120 އަހަރުގެ ދިގު މުއްދަތަކަށް ދެމިހުންނާނެ ފަދަ ވަރުގަދަ މިންގަނޑުތަކަށް ކަމަށާއި، ބްރިޖުގެ މަރާމާތުގެ މަސައްކަތް ކުރަންޖެހޭނީ ކޮންމެ 20 އަހަރަކުން އެއްފަހަރު ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްރޮޖެކްޓް ހެޑް އެސް. އެމް. ވިޝްވަމުރްތީ ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބްރިޖުގެ ދިގު އުމުރާއި މަރާމާތުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިޝްވަމުރްތީ ވިދާޅުވީ، ބްރިޖުގެ މައި އޮނިގަނޑު (ސްޓްރަކްޗާ) ބިނާކުރަނީ ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ މެޓީރިއަލްސް ބޭނުންކޮށްގެން ކަމަށެވެ. އެހެންކަމުން، ބްރިޖުގެ މައި އޮނިގަނޑަށް ބޮޑު މަރާމާތެއް ބޭނުންނުވާނެ ކަމަށާއި، ނަމަވެސް ބްރިޖު ބޭނުންކުރެވޭ ވަރަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ކޮންމެ 20 އަހަރަކުން އެއްފަހަރު މަރާމާތުކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާހައުލަށް އަލިއަޅުއްވާލައްވަމުން ވިޝްވަމުރްތީ ވިދާޅުވީ، ބްރިޖު ޑިޒައިންކޮށްފައިވަނީ ގަދަ ވައިގެ އަސަރާއި ކަނޑުގެ ލޮނުގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އެގޮތުން، 120 އަހަރުގެ ދިގު މުއްދަތުގައި ރާއްޖެއަށް ކުރިމަތިވެދާނެ ވައިގެ އެންމެ ބާރުމިނާއި ރައްކާތެރިކަމުގެ އިތުރު މިންގަނޑުތައް (ސޭފްޓީ ފެކްޓާސް) ވަނީ ޑިޒައިންގައި ހިމަނާފައެވެ. އަދި ލޮނުގެ އަސަރުން ދަބަރު ޖެހުމުން ރައްކާތެރިވުމަށްޓަކައި، ބްރިޖުގެ ރެއިލިން ސިސްޓަމްގައި ބޭނުންކުރަނީ ހާއްސަ ސްޓެއިންލެސް ސްޓީލް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މި ޕްރޮޖެކްޓުގެ ޑިޒައިން ވަނީ ބައިނަލްއަގްވާމީ ފެންވަރުގެ މަޝްހޫރު އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ 'އަރޫޕް' ހިމެނޭހެން، މިނިވަން އިދާރާތަކުން ޗެކްކޮށް، ކަށަވަރުކޮށްފައެވެ. އަދި ބޭނުންކުރާ ކޮންކްރީޓާއި ދަގަނޑުގެ ކޮލިޓީ ގަވާއިދުން ޓެސްޓުކޮށް ބަލަމުންދާ ކަމުގެ ޔަގީންކަން ވެސް އެފްކޮންސްއިން ދެއެވެ.
މަޝްރޫއުގެ މިހާރުގެ ކުރިއެރުމަށް ބަލާއިރު، މުޅި ޕްރޮޖެކްޓުގެ 77 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބްރިޖުގެ މައި އޮނިގަނޑުގެ 90 ޕަސެންޓް ވެސް ވަނީ ނިމިފައެވެ.
އަންނަ އަހަރުގެ ނިޔަލަށް މުޅި ބްރިޖުގެ ހުރިހާ މަސައްކަތެއް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އަމާޒު ހިފާފައިވާއިރު، ވިޝްވަމުރްތީ ވިދާޅުވީ ދަތުރުފަތުރަށް ބްރިޖު ހުޅުވާލާނީ ފުރިހަމަކުރަންޖެހޭ ހުރިހާ ޓެސްޓުތަކެއް ފުރިހަމަކޮށް، ސަލާމަތީގޮތުން އެންމެ މަތީ ދަރަޖައިގެ ޔަގީންކަން ލިބުމުން ކަމަށެވެ.
