ދުނިޔޭގައި އެންމެ ދަރިމައި ނުވާ ގައުމުގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ދެކުނު ކޮރެއާގައި ދަރިމައިވާ މީހުންނަށް 10،500 އެމެރިކާ ޑޮލަރު ދޭން ނިންމައިފިއެވެ.

އާބަދީގެ ނިސްބަތުން ނުވިހާތީ އަންހެނަކަށް 0.78 ކުދިން ވެސް މިހާރު ނުޖެހޭ ދެކުނު ކޮރެއާ ގައި ދަރިމައި ނުވުމުގެ މައްސަލަ ވަނީ ކާރިސާއަކަށް ބަދަލުވުމާ ހިސާބުގައެވެ. އިދާރާތަކުން ގޮތް ހުސްވެ ތަފާތު ނަންނަމުގައި ވެލްފެއާ ފަންޑުތައް އުފައްދާ ގިނަ އިނާޔަތްތައް ލިބޭނެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ.

އާބާދީ މަދުވުމަކީ، ނުވަތަ ދަރިމައި ނުވުމަކީ އިގްތިސޯދީ ގޮތުންވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަކަށް ވާއިރު، މިހާރުވެސް އޮންނަ ވެލްފެއާ ޕްރޮރްގާމު ތަކުގެ އިތުރުން، 10،500 ޑޮލަރު ދޭ ޕްރޮގްރާމުގެ ބޭނުމަކީ ގިނަ ބަޔަކު ދަރިމައި ކުރުވުމަށް ހިތްވަރުދިނުން ކަމަށް އޮފިޝަލުން ބުނެއެވެ.

މިހާރު ދެކުނު ކޮރެއާގައި ހުރި ތަފާތު ޕްރޮގްރާމުތަކުގެ ތެރޭގައި ވިހައިގެން އަހަރެއް ވާންދެއް އާއިލާއަށް މަހަކު 528 އެމެރިކާ ޑޮލަަރާއި، އުމުރުން 2 އަހަރުވާންދެއް ދަރިފުޅަށް މަހަކު 264 ޑޮލަރާއި ދަރިފުޅު ފަށާތައުލީމަށް ދާންދެން މަހަކު 151 ޑޮލަރު ލިބޭ ޕެކޭޖް ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ހުރިހާ ބެނެފިޓެއް (އެހީއެއް) އެއްކޮށްލުމުން މަޔަކަށް 1500 އެއްހާ ޑޮލަރު މަހަކު ލިބެމުން ދެއެވެ.

މީގެ އިތުރުން މާބަނޑު އަންހެން މީހާއަށް ބޭސް ފަރުވާ އާއި، ވިހެއުމާ ގުޅޭ ހުރިހާ ހަރަދަކާއި ދަރިފުޅު ވިހެއުމުން ބޭބީސިޓިން (ދަރިފުޅު ބަލަހައްޓައިދިނުން) އާއި އަދި ޑޭޓިން (ބައިވެރިޔާއާ ބައްދަލުކުރުން) ގެ ހަރަދުވެސް ދެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިފަދަ އެތައް ހިދުމަތެއްގެ އިތުރުން، ވިހައިގެން ތުއްތު ދަރިފުޅަށް ބޭނުންވާ ބައެއް ކާނާއާއި، ކުޑަ ދަރިފުޅު ކުޅެން ބޭނުންވާ ސާމާނާއި ކުދިން އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ ޓްރޮލީ ފަދަ އެއްޗެހި ހިލޭ ލިބެއެވެ. އަދި ބައެއް ޕްރޮވިންސް ތަކުގައި އާންމުން ދިރިއުޅޭ ކޮންޑޯ ނުވަތަ ފްލެޓް ތަކުގައި އެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އޮފީހުގެ ޑެސްކްވެސް ހަދާފައި ހުރެވެ. އެތަނުން އެ ހުރިހާ އެއްޗެއް ހިލޭ ދޫކުރަމުން ގެންދެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ދެކުނު ކޮރެއާގެ އާބާދީގެ އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ 36.7 ޕަސެންޓް މީހުން ދަރިން ހޯދާކަށް ބޭނުމެއް ނުވެއެވެ. އަދި ކައިވެނިކޮށް ދިރިއުޅުމެއް ބިނާ ކުރަން ބޭނުންވާ ނިސްބަތަކީ 4 ޕަސެންޓް ކަމަށާއި ގިނަ ބަޔަކު ދެކަމުން ކުރެ އެއްކަމެއްވެސް ބޭނުން ނުވާ ކަމަށް ސޮއުލްގެ ވިމެން އެންޑް ފެމިލީ ފައުންޑޭޝަނުން ހެދި ސާވޭ ބުނެއެވެ.

މި ސާވޭގައި ސުވާލު ކުރީ ކިތައް މީހުންނާކަން ސާފު ނުވިނަމަވެސް އެ ޖަމްއިއްޔާއިން ހާމަކޮށްފައި ވާ ގޮތުގައި، 2022 ވަނަ އަހަރު ދެކުނު ކޮރެއާގައި މީހުންނާ އިނދެފައި ވަނީ 192،000 މީހުންނެވެ. އަދި ފާއިތުވި 16 އަހަރު 211 ބިލިއަން ޑޮލަރު ހަރަދު ކުރި އިރު ދަރިމައިނުވުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވެއެވެ.

އަލަށް މި ތައާރަފް ކުރާ ޕެކޭޖާއެކު އެގައުމުގެ ސަރުކާރުން ކުރާ އުއްމީދަކީ މިހާރުވެސް ފައިސާގެ އެލަވަންސް ބޮޑުކޮށް ލިބޭ ބުސާން ކަހަލަ ސިޓީތަކުގައި ދަރިމައިވާ ނިސްބަތް ކުރިއަރަމުން އަންނަ ގޮތަށް އެހެން ސިޓީތަކުގައިވެސް ކުރިއެރުމެވެ.