މާލޭ ގެއެއްގައި އަނބިމީހާގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާއަށް ކުރާ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މިމައްސަލައިގައި ދައުވާކުރީ އޭނާގެ ފިރިމީހާ ކަމަށްވާ އިންޑިއާގެ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ.
އޭނާއަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މީގެ ކުރިން ކޯޓަށް ހާޒިރުކުރި އިރު އޭނާ ވަނީ ވަޅިން އަނބިމީހާއަށް ހަމަލާ ދިން ކަމަށާއި އެތަނަށް ފުލުހުން ދިއުމުން ބިރުން އަމިއްލަ ބަނޑަށް ވެސް ވަޅިން ހަމަލާ ދިން ކަމަށް ބުނެ އިއުތިރާފް ވެފައެވެ. އަދި ޒަހަމްވި އަންހެން މީހާ ވެސް ތަހުގީގުގައި ފިރިމީހާ ހަމަލާ ދިން ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް އަންހެން މީހާ ހެކިބަސް ދިނީ ތަހުގީގުގައި ދީފައިވާ ބަޔާނާ ހިލާފަށެވެ. މިގޮތުން އަންހެން މީހާ ކޯޓުގައި ބުނީ ވަޅި ހެރުނީ އޭނާ ތަރުކާރީ ކޮށަން ސިޓިންރޫމްގައި އިންނަ ތަނެއްގައި އޮއްވައި ނިދުމުން ނިދީގެ ތެރޭގައި ކަމަށެވެ.
އެއީ ވަޅި ހުންނަ ތަނެއް ކަމަށާއި ވަޅި ހެރީ ކަމަށް ބުނެ ކުރިން ބަޔާން ދިނީ ޑީޕޯޓްކޮށްލާނެ ކަމަށް ބުނުމުން ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، ދައުވާގައި ބަޔާންކޮށްފައިވާ ފަދައިން އޭނާ އަނބިމީހާއަށް ހަމަލާ ދިންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްފައި ނުވާ ކަމަށެވެ.