އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިނާއަތުގެ ކުރިއެރުމަށް ހުރަސްނާޅުއްވާނެ ކަމަށް ވިދާޅުވެ، އެމެރިކާގައި "އޭއައި ފޯސް" އެއް އުފައްދަވައި، އެ ދާއިރާއަށް ހާއްސަ އިސްވެރިޔަކު އައްޔަންކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.
މީސްމީޑިއާގައި ހޮނިހިރު ދުވަހު އާންމުކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ސަރުކާރުން އޭއައި ސިނާއަތުގެ ކުރިއެރުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމުކުރެވެންދެން އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް އޭނާ ވަނީ ދެކޮޅުހައްދަވާފައެވެ. ނަމަވެސް، މި ފޯސް އުފައްދަވާނެ ވަކި ތާރީހެއް ނުވަތަ އިތުރު ތަފުސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭއައި އަކީ ކުރިއަށް އޮތް ސިނާއީ އިންގިލާބު ނުވަތަ އިންޓަނެޓެވެ. އަދި އެއީ އެއަށްވުރެ ވެސް ބޮޑު އަދި ނުފޫޒުގަދަ ޓެކްނޮލޮޖީއަކަށް ވާއިރު، އެމެރިކާގެ ޖީޑީޕީގެ 25 އިންސައްތަ ހިއްސާކުރާނެ ސިނާއަތަކަށް އެ ދާއިރާ ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޭއައިގެ ދާއިރާގައި ޗައިނާގެ މައްޗަށް އެމެރިކާއިން ކުރިހޯދުމަކީ މުހިންމު ކަމެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު ޓްރަމްޕް ބާއްވަވާ ބައްދަލުވުމުގައި މި މައުޟޫއަށް މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.
އޭއައިގެ ނުރައްކާތަކާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ "އޮޅުވާލުމެއް" ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އޭއައި ބޭނުންކޮށްގެން ގޯސް އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް، މިހާރު އޮތް ޖިނާއީ އަދި މަދަނީ އަދުލުގެ ނިޒާމު ބޭނުންކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު މިހާރު އަދި ކުރިން ދިރާސާކުރި ފަރާތްތަކުން ދަނީ ދެމުންނެވެ. އޭގެ ތެރެއިން އެއް ފަރާތަކުން ބުނެފައިވާ ގޮތުގައި، އޭއައިގެ ސަބަބުން "ހުރިހާ އިންސާނުން މަރުވުމުގެ" ފުރުސަތު 10 އިންސައްތައަށް ވުރެ ބޮޑެވެ. މިހާރު ވެސް އޭއައިގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެންތްރޮޕިކް، އޯޕަންއޭއައި އަދި ގޫގުލް އިން ދަނީ އިންސާނުންނަށް ވުރެ ވިސްނުންތޫނު "ސުޕަރ އިންޓެލިޖެންސް" އުފެއްދުމަށް ވާދަކުރަމުންނެވެ. އަދި އެ ކުންފުނިތަކުގެ އޭއައި ސިސްޓަމްތައް ބޭނުންކޮށްގެން ނުރައްކާތެރި އަމަލުތައް ހިންގާފައިވާކަން އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އެންތްރޮޕިކްގެ އިސްވެރިޔާ ޑާރިއޯ އަމޯޑޭއި ދާދި ފަހުން ވަނީ، އޭއައި ތަރައްގީކުރާ މިންވަރު މަޑުޖައްސާލައި، މުޅި ސިނާއަތް ރެގިއުލޭޓްކުރުމަށް ގޮވާލާފައެވެ. އޯޕަންއޭއައިގެ ސޭމް އޯލްޓްމަން އަދި އެކްސްއޭއައިގެ އިލޮން މަސްކް ވެސް ވަނީ މި ހުށަހެޅުންތަކަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މީގެ އިތުރުން، އެންތްރޮޕިކްގެ ކޯ-ފައުންޑަރ ޖެކް ކްލާކް ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ތިންވަނަ ފަރާތަކަށް ކޮންޓްރޯލްކުރެވޭނެ "ކިލް ސްވިޗެއް" އޭއައި ސިނާއަތުގައި މަޖުބޫރުކުރަން ޖެހިދާނެ ކަމަށެވެ.
މި އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން އޭއައިއާ ގުޅޭ ގާނޫނުތަކެއް ހުށަހަޅަން މަސައްކަތްކުރަމުންދާއިރު، އޯލްޓްމަން ބުނި ގޮތުގައި އާ ޓެކްނޮލޮޖީއާ އެއްވަރަށް ފިޔަވަޅު އެޅުމަށް އެމެރިކާ ސަރުކާރަށް ވަނީ ދަތިވެފައެވެ. ސެން ފްރެންސިސްކޯގައި އޮތް ކޮންފަރެންސެއްގައި ވާހަކަދައްކަމުން އޭނާ ބުނީ، ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ ކުންފުނިތަކުން އަމަލުކުރާނީ ރަނގަޅަށް ކަމަށާއި، އެކަމަށް ދުނިޔެއިން އިތުބާރުކުރަން ޖެހޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގައި ވެސް ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ވަނީ އޭއައިގެ ސަބަބުން އިންސާނީ ހައްގުތަކަށް އޮތް ނުރައްކާތައް ފާހަގަކުރައްވާފައެވެ. އަދި މިހާރު ހުރި ގާނޫނުތަކަކީ މި ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ގާނޫނުތަކެއް ނޫން ކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ. އިނގިރޭސިވިލާތުގެ ޖޮއިންޓް ކޮމިޓީ އޮން ހިއުމަން ރައިޓްސް (ޖޭސީއެޗްއާރް) އިން ނެރުނު ރިޕޯޓެއްގައި ވަނީ، މި ނުރައްކާތަކުގެ ބޮޑުމިނަށް ރިއާޔަތްކޮށް އޭއައިއާ ގުޅޭ އާ ބިލެއް އެކުލަވާލުމަށް ގޮވާލާފައެވެ.
