ކުއްޖަކު އުފަންވާ ރަށަކީ އެ ކުއްޖަކަށް ލިބެންޖެހޭ ސިއްހީ ފަރުވާގެ ފެންވަރު ކަނޑައަޅާ މިންގަނޑަކަށް ވެގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ކޮންމެ ތަނެއްގައި އުފަންވި ނަމަވެސް ކޮންމެ ތުއްތު ކުއްޖަކަށް ވެސް ރައްކާތެރި އަދި ފުރިހަމަ ފެށުމެއް ލިބެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އަލަށް އުފަންވާ ތުއްތު ކުދިންގެ ފަރުވާއާ ގުޅޭގޮތުން ބޭއްވި "ނިއޯކެއާ" ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރު ބޭއްވި ނިއޯނޭޓަލް ނަރުހުންގެ ފުރަތަމަ ކޮންފަރެންސަށްފަހު، މިއަދު މި ދާއިރާ ގައުމީ ފެންވަރުގެ ބޮޑު ޕްލެޓްފޯމަކަށް ބަދަލުވެގެން ދިއުމަކީ ނިއޯނޭޓަލް ކެއާއަކީ މުޅި ގައުމުގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަންނަކަމުގެ ހެއްކެކެވެ. މާލެ، ހުޅުމާލެ ނުވަތަ އަތޮޅުތެރޭގެ ކޮންމެ ރަށެއްގައި އުފަންވާ ކުއްޖެއްގެ ފުރާނައިގެ އަގަކީ ވެސް އެއް އަގެއްކަން ފާހަގަކުރައްވައި، އެންމެހައި ކުދިންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މީގެއިތުރުން، ސިއްހީ ދާއިރާގެ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ތަރައްގީކުރުމާ އެކުއެކީގައި، އިންސާނީ ވަސީލަތް ބިނާކުރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް މެޑަމް ސާޖިދާ އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، ހަމައެކަނި މެޝިނަކުން ފުރާނައެއް ނުރައްކާތެރި ނުކުރެވޭނެ ކަމަށާއި، ބޭނުންވަނީ ތަމްރީނު ލިބިފައިވާ، ހުނަރުވެރި އަދި އޯގާތެރި ސިއްހީ ހިދުމަތްތެރިން ކަމަށެވެ. އަދި ރާއްޖޭގެ 19 ސިއްހީ މަރުކަޒަކުންނާއި ހޮސްޕިޓަލްތަކުން 150 އަށް ވުރެ ގިނަ ބައިވެރިން މި ކޮންފަރެންސްގައި ބައިވެރިވުމަކީ ރަށްރަށުގެ މެދުގައި އިލްމާއި ތަޖުރިބާ ބަދަލުކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

ތުއްތު ކުދިންގެ ފަރުވާގައި ހަމައެކަނި މެޑިކަލް ފަރުވާއަށް އިސްކަންދިނުމުގެ ބަދަލުގައި، އެ ކުދިންގެ އާއިލާތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި، އޯގާތެރިކަމާއި، އިހުތިރާމާއެކު މުއާމަލާތްކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އެއީ ދުވަސް ނުފުރާ ވިހާ ކުދިންނާއި ބަލިދާނުގައިވާ ތުއްތު ކުދިންގެ އާއިލާތަކުން ތަހައްމަލުކުރާ ބުރަ އިންތިހާއަށް ބޮޑުވާނެތީއެވެ.

ނިއޯކެއާ ކޮންފަރެންސް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި މިނިސްޓްރީ އޮފް ހެލްތު، ޑަބްލިއުއެޗްއޯ، އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަށް މެޑަމް ސާޖިދާ ވަނީ އިހުލާސްތެރި ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ސިއްހަތާއި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ވެރިން، ޑަބްލިއުއެޗްއޯގެ މަންދޫބު އަދި ސިއްހީ ދާއިރާގެ އިސް ފަރާތްތަކާއި މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.