މާލެ ސިޓީ ކައުންސިލަށް ހަދިޔާގެ ގޮތުގައި ލިބުނު ކާށި ބަހަން ފަށައިފިއެވެ.
އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކާށި ބަހަމުން ގެންދާނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި އެއަށް ފަހު، އަންނަ ހޯމަ ދުވަހުން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް ކާށި ބަހާނެ ކަމަށް ކައުންސިލުން މީގެ ކުރިން ވަނީ އިއުލާނު ކޮށްފައެވެ.
ކާށި ބެހުން ކުރިއަށް ދަނީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ގައި ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:30 އަށް، އަދި ރޭގަނޑު 9:30 އިން 11:30 އަށް ކާށި ބަހަމުން ދާނެ ކަމަށް ބުންޏެވެ.
ކާށި ބަލައި އަންނައިރު، ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހެއް ނަމަ، އެ ދަފްތަރުގައި ހިމެނޭ މީހެއްކަން އަންގައިދޭ ލިޔުމެއް، އަދި އާންމު މީހެއް ނަމަ އައިޑީކާޑު ގެނައުމަށް ކައުންސިލުން އެދެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ ސިޓީ ކައުންސިލަށް 15 ހާސް ކާށި ހަދިޔާގެ ގޮތުގައި ދީފައެވެ. އެ ކާށި މާލޭގެ ރައްޔިތުންނަށް ބެހުމަށް ކައުންސިލުން ނިންމާފައި ވަނީ އެންމެ ފަހުން ބޭއްވި އެ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައެވެ.
ކުރިއާ އަޅާ ބަލާއިރު މިރޯދަމަހު ކާށި ކިލޯއެއްގެ އަގު ވަނީ 80ރ އިން މައްޗަށް އަރައިފައެވެ. ނަމަވެސް މިފަހުން އެސްޓީއޯއިން ގެނައި ކާށި ޝިޕްމަންޓަކާ އެކު އަގުތައް 12ރ އަށް ވެއްޓުނެވެ.