ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންދިޔަ އުސޫލުން އިދިކޮޅު ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީންގެ ދައުވާވެސް އަނބުރާ ގެންދިއުމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވަފިއެވެ.

އަދުރޭ މިގޮތަށް ގޮވާލައްވާފައި ވަނީ ރޭ އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަދުރޭ އިތުރަށް ވިދާޅުވީ، ޔާމީނަށް އެކަނި ދައުވާ ކުރުމަށްފަހު ދެން އެހެން ހުރިހާ އެންމެންގެ މައްސަލަ ޕީޖީން އަނބުރާ ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ގާނޫނު އަސާސީއަކީ މިނިވަން ޕީޖީއެއް ހުންނަ ގޮތަށް ހަދާފައިވާ ގާނޫނުއަސާސީ އަކަށް ވާއިރު ސަރުކާރުގެ ނުފޫޒެއް ޝަރުއީ ދާއިރާގައި އޮވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ސަރުކާރު ބޭނުންވާ ގޮތަށް ޝަރުއީ ނިޒާމު ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ކީއްވެތޯ ވަކި އަހުމަދު މަހުލޫފްގެ މައްސަލަ އަނބުރާ ގެންދަންވީ. މިއާ ގުޅިގެން 250 އަށް ވުރެ ގިނަ މީހުން ލިސްޓުގައި އޮތް ކަމަށް ތަކުރާރުކޮށް އެބަ އަޑު އިވޭ، އެހެން ނަމަވެސް އަނިޔާ ލިބެމުން މިދަނީ ހަމައެކަނި ރައީސް ޔާމީނަށް."
އަދުރޭ

މަހުލޫފުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެއެވެ. ނަމަވެސް މައްސަަަލަ މުރާޖާކޮށް ބެލިއިރު އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާކަން ސާބިތުކޮށްނުދެވޭނެ ކަމަށް ބުނެ އެ ދައުވާ ވަނީ މީގެ 3 ދުވަސް ކުރިން ޕީޖީން އަނބުރާ ގެންގޮސްފައެވެ.

އެކަމާ ކަންބޮޑުވުން ފާޅުކިރައްވައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގަ ހިމެނިވަޑައިގަންނަވާ އިސް ވަކީލު، މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މި ސަރުކާރުގެ ޕްރޮސެކިއުޝަނަކީ ސިޔާސީ މެޝިނެއް ކަމަށާއި މިއަދު ސާބިތު މިވީ މި ސަރުކާރުން ބޭނުންވާ ސިޔާސީ ދައުވާތައް ޔާމީނުގެ މައްޗަށް ކުރުން ނޫން ދެވަނަ ކަމެއް މިހާރުގެ ޕީޖީ ނުކުރާކަން ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހުއެވެ. އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމަށްފަހު އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާކަން މިމަހު 4 ވަނަ ދުވަހު ހައި ކޯޓުން ވަނީ އަންގާފައެވެ.

ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފުވެފެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.