މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަށް ނިސްބަތްވާ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިކަލުން އަބްދުﷲ ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

26 ޖޫން 2020 ވަނަ ދުވަހުގެރޭ، ރާއްޖޭގައި ދިރިއުޅެމުން އައި ކެންޔާ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މި މައްސަލަ ފުލުހުން ތަހްގީގުކޮށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެ މައްސަލަ ފެންމަތިވިތާ ގާތްގަނޑަކަށް ހަ މަސްދުވަސް ވީ ފަހުންނެވެ. އެ މައްސަލައިގައި ޝާންގެ މައްޗަށް ތިން ދައުވާ އެއް ކޮށް، އޭނާގެ އިތުރުން ދެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ޝާންގެ މައްޗަށް ދައުވާކުރުމަށް ޕީޖީން ކޯޓަށް ހުށަހެޅީ މީގެ ދެ އަހަރު ކުރިން، ޖެނުއަރީ 6 ގައެވެ. އޭނާގެ މައްޗަށް ކުރި ދައުވާތަކަކީ:

  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • އަނިޔާ އެއް ދީފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ
  • ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާ

ހުޅުމާލެ ކޯޓުގައި ބަލަމުން ދިޔަ އެ މައްސަލަ ބޭރުކޮށްލީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ

އެ މައްސަލައިގެ ތަހްގީގުގައި ފުލުހުން ވަނީ 11 މީހެއްގެ ބަޔާން ނަގައި، އެ ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް ވިކްޓިމްގެ ފޯނު ހޯދައިފައެވެ. އެ މައްސަލައާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ސަފާރީގައި އެ އަންހެން މީހާ ރޭޕްކުރި ކަމަށް ބުނާ މައްސަލަ ބެލުން ލަސްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވިއެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވުނީ ސަރުކާރުގެ އިސްފަރާތަކާ ގުޅުން އޮތް ބަޔަކަށް ވާތީ، ސަރުކާރުން އެ މީހުން ހިމާޔަތް ކުރަން އުޅޭ ކަމުގެ ތުހުމަތު ވެސް ބައެއް ފަރާތްތަކުން ވަނީ އޭރު ކޮށްފައެވެ.