މާލެ ސިޓީ ކައުންސިލަށް ހަދިޔާގެ ގޮތުގައި ލިބުނު ކާށި މާދަމާ އިން ފެށިގެން ބަހަން ފަށާނެ ކަމަށް، ކައުންސިލުން މިއަދު ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ ސިޓީ ކައުންސިލަށް 15 ހާސް ކާށި ހަދިޔާގެ ގޮތުގައި ދީފައެވެ. އެ ކާށި މާލޭގެ ރައްޔިތުންނަށް ބެހުމަށް ކައުންސިލުން ނިންމާފައި ވަނީ އެންމެ ފަހުން ބޭއްވި އެ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައެވެ.
މިއަދު ކުރި އިއުލާނެއްގައި ސިޓީ ކައުންސިލުން ބުނީ، މާދަމާ އިން ފެށިގެން ކާށި ބަހަން ފަށާނެ ކަމަށާއި، އެގޮތުން އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކާށި ބަހަމުން ގެންދާނެ ކަމަށެވެ.
އަދި އެއަށް ފަހު، އަންނަ ހޯމަ ދުވަހުން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް ކާށި ބަހާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ، ކާށި ބެހުން ކުރިއަށް ދާނީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ގައި ކަމަށެވެ.. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:30 އަށް، އަދި ރޭގަނޑު 9:30 އިން 11:30 އަށް ކާށި ބަހަމުން ދާނެ ކަމަށް ބުންޏެވެ.
ކާށި ބަލައި އަންނައިރު، ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހެއް ނަމަ، އެ ދަފްތަރުގައި ހިމެނޭ މީހެއްކަން އަންގައިދޭ ލިޔުމެއް، އަދި އާންމު މީހެއް ނަމަ އައިޑީކާޑު ގެނައުމަށް ކައުންސިލުން އެދެއެވެ.
ކުރިއާ އަޅާ ބަލާއިރު މިރޯދަމަހު ކާށި ކިލޯއެއްގެ އަގު ވަނީ 80ރ އިން މައްޗަށް އަރައިފައެވެ. ނަމަވެސް މިފަހުން އެސްޓީއޯއިން ގެނައި ކާށި ޝިޕްމަންޓަކާ އެކު އަގުތައް 12ރ އަށް ވެއްޓުނެވެ.