މެދުއިރުމައްޗާއި ޗައިނާގެ އިތުރުން މިހާރު ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގައި އެމެރިކާ އާއި ނޭޓޯގެ ދައުރާއި، ހަތިޔާރު ފޯރުކޮށްދިނުމުގެ ޕްލޭންތަކާއި ހަނގުރާމައިގެ ޗާޓުތައް ލީކްވި މައްސަލަ ސީރިއަސްވެ ބަލަން ފަށައިފިއެވެ.

އެމެރިކާގެ ޕެންޓަގަން އިން މިހާރުވަނީ ތަހުގީ ފަށާ، ބަލައިފާސްކުރުން ކުރިއަށް ގެންދަން ޖެހޭ ތަންތަން ބަލައުފާސްކުރުމުގެ ހުއްދައަަށް އެދި ޖަސްޓިސް ޑިޕާޓުމަންޓަށް ލިޔެފައެވެ.

ލީކްވި ޑޮކިއުމަންޓްތަކުގެ ބައިތައް، ސޯޝަލްމީޑިއަގެ އެކި ޕްލެޓްފޯމްތަކާއި ބައެއް ނިއުސް ސައިޓްތަކުގައިވެސް ޝާއިއު ކޮށްފައިވެއެވެ. މި ޑޮކިއުމެންޓްތަކަކީ ހާލަތު ބަޔާންކޮށްދެއްވަން އެމެރިކާގެ ޖޮއިންޓް މިލިޓަރީ ސްޓާފް ކޮންމެ ދުވަހަކު ބާއްވަވާ ބްރީފިންގައިވެސް ހިއްސާ ނުކުރައްވާ މައުލޫމާތުކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިފަދަ ސިއްރު ލިޔެކިޔުންތަކެއް ލީކްވުމުން އެމެރިކާގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވާ އިރު، ގިނަ ބަޔަކު ބުނަނީ، އެމެރިކާގެ ބައިވެރިން ކަމުގައިވާ އިޒްރޭލާއި، ޔުކްރައިން އާއި ދެކުނު ކޮރެއާއަށް ވެސް ފާރަލާކަން މިކަމުން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ލީކްވި ޑޮކޮއުމަންތްތަކުގައި ބައެއް ކުށްވެސް އެބަހުއްޓެވެ. އެގޮތުން ޔޫކްރައިން ހަނގުރާމައިގައި މަރުވި ރަޝިއާ މީހުންގެ އަދަދުތައް ހުރީ ނުބައިކޮށް، މާ މަދުން ކަމަށް ބުނެއެވެ.

ރޮއިޓާސް އާ ވާހަކަ ދެއްކި އެމެރިކާގެ އޮފިޝަލަކު ބުނެފައި ވަނީ، އެ ލިޔެކިޔުންތަކަކީ، އަސްލު އޮޅުވާލުމަށް އުފައްދާފައިވާ އެއްޗެއް ކަމަށް އަދި ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ޔޫކްރައިންގެ އޮފިޝަލަކު ވިދާޅުވީ އާންމުވި ލިޔެކިޔުންތަކުގައި ގިނައީ ހިޔާލީ ވާހަކަ ކަމަށާއި އެއީ ރަޝިއާއިން އުފައްދާ ދޮގުވާހަކަތައް ކަމަށެވެ.

ލީކްވި ޑޮކިއުމަންޓްތަކުގެ ތެރެއިން ފެބްރުއަކީ 23 ގެ ތާރީހުގައި "ސީކްރެޓް" (ސިއްރު) ޖަހާފައި އޮތް ލިޔުމެއް ބުނާގޮތުން، އަންނަ މޭ މަހުގެ ނިޔަލަށް ހަތިޔާރު ނުލިބިއްޖެނަމަ ޔޫކްރައިންގެ އެއާ ޑިފެންސް ސިސްޓަމް ހުއްޓުމަކަށް އަންނާނެއެވެ.

އިތުރު ލިޔުމެއް ބުނާގޮތުން، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅި ޕްލޭނާ ދެކޮޅަށް މުޅި އިޒްރޭލުގައި ދާދި ފަހުން ކުރި ސިލްސިލާ މުޒާހަރާތަކަކީ އެގައުމުގެ ޖާސޫސީ އިދާރާ މޮސާޑުން ރާވައިގެން ކުރުވި ކަމެކެވެ. އެކަން ދޮގުކޮށް ނަތަންޔާހޫގެ އޮފީހުން ބުނީ، އެއީ އެއްވެސް އަސާސެއް ނުވަތަ އަސްލެއްގެ މައްޗަށް ބުނެފައި އޮތް ވާހަކައެއް ނޫން ކަމަށެވެ.

އިތުރު އެހެން ޑޮކިއުމަންޓެއްގައި ވަނީ، ހަނގުރާމަވެރި ސަރަހައްދުތަކަށް ހަތިޔާރު ފޮނުވުމަށް ދެކުނު ކޮރެއާގެ ގާނޫނުތަކާއި އުސޫލުތައް ތަން ނުދިންނަމަވެސް، އެކަން ކުރަން އެމެރިކާއިން ދެކުނު ކޮރެއާގެ އޮފިޝަލުންނަށް ޕްރެޝާ ކުރާ ކަމަށެވެ.

މި މައްސަލައިގައި ދެކުނު ކޮރެއާގެ ރައީސްގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ލީކްވި ޑޮކިއުމަންޓުތަކާ ގުޅިގެން ވިޝިންޓަނުގައި ޝަކުވާ ކުރައްވާނެ ކަމަށެވެ.

އެމެރިކާއާއި ނޭޓޯގެ ބައިވެރިވުން އޮތް ޔޫކްރައިން ހަނގުރާމަ އަކީ، ރަޝިއާގެ "ދުވަސް ދުއްވާލުމަށް" ރާވައިގެން ހިންގާ ހަނގުރާމައެއް ކަމަށް ބުނާ ވާހަކަތައްވެސް އާންމުވަމުން ދެއެވެ. މެދުއިރުމައްޗާއި ދުނިޔޭގެ އެހެން ބިއްތަކުގައި އެމެރިކާއިން ހިންގާ ސިޔާސީ ހަރަކާތްތައް ފަދައިން ރަޝިއާ އާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގެ ބޭނުމަކީ ދުނިޔޭގެ ސުޕާ ޕަވާގެ މަގާމުގައި އެމެރިކާ ދެމިއޮތުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ބުނެއެވެ.