އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނިންމާ، ކުރިއަށް އޮތް 2024 ވަނަ އަހަރު ބޭނުން ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައި ވަނީ އަރަބިއްޔާ ސްކޫލްގެ މަސައްކަތް މި ހިނގާ އަހަރު ތެރޭ ނިންމާނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް މިއަދު އައިޝަތު އަލީ ވިދާޅުވީ، "ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދަންޏާ ލަފާ ކުރެވެނީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ހުޅުވޭނެ ކަމަށް" އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިތުރަށް މިނިސްޓަރު ވިދާޅުވީ، އާ އިމާރާތުގެ ކޮންސެޕްޓް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑްރޯވިންގް ގެ މަސައްކަތް ކަމަށެވެ. އަދިި ބާ ޖަމާލުއްދީންގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކުލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި މި މަޝްރޫއުއަށް 7 މަސް ދުވަސް ފާއިތުވި ނަމަވެސް ތަނުގެ ބިންގާ އެޅުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ނިމިފައި ނުވާ ކަމަށް ބުނެ އަރަބިއްޔާ ސްކޫލަށް ނިސްބަތްވާ ބެލެނިވެރިން، މީގެ ކުރިން ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ.

40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއެކު ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ޖަމާލުއްދީން އެނެކްސް ތަރައްްގީ ކުރާ އިރު އަރަބިއްޔާ ސްކޫލުގައި 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތައް ހަދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވެއެވެ. މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.