މާޅޮހު ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެރަށުގެ ސިއްހީ މަރުކަޒުގައި ބަލިމީހުންނަށް ހިދުމަތް ދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ތެރޭގައި ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށްގެންދާއިރު ލެބޯޓްރީގެ ހިދުމަތް ވެސް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އއ. މާޅޮހުގެ ތަރައްގީއަށް މުހިންމު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އެއީ މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެވެ. މި މަޝްރޫއަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރަށުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްގީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށެވެ.

މާޅޮހަށް ވަޑައިގެން ރައީސް އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައިސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާފަރާތްތަކާއި ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް ކުރިއަށް ގެންދެވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

އަރިއަތޮޅު ރަންފަރު މާޅޮހުގެ އިހުތިސާސްގެ ތެރޭގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ރައިސުލްޖުމުހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ އިގްތިސާދީ ފައިދާ ހޯދުމަށް އެފަޅުގެ ބޭނުން ފުޅާދާއިރާއެއްގައި ހިފުމުގެ ފުރުސަތު ރައްޔިތުންނަށް މިހާރު އެބައޮތް ކަމަށެވެ. ރައްޔިތުންނާ މަޝްވަރާކޮށްގެން، ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދަން ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.