ދިވެހިންނަކީ އަބަދުވެސް ދިވެހި ކެއުންތަކަށް ލޯބިކުރާ ބައެކެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ރަހަތައް އެކުލެވޭ ދިވެހި ކެއުމެވެ. ރަމަޟާން މަހުގެ މެނޫގައި ވެސް ގިނަ މީހުން ޒަމާނީ ދިވެހި ކެއުންތައް ހިމެނުމަށް އިސްކަން ދެއެވެ. މިގޮތުން 'ކެއްކި ކެޔޮ' މިއީ ރޯދަވީއްލާ ގަޑީގައިވެސް އަދި ހާރުކެއުމުގައިވެސް ބޭނުންކޮށްލަން ރަނގަޅު، ހަށިގަނޑަށް ފައިދާހުރި ކެއުމެކެވެ.
ބޭނުންވާ ތަކެތި:
- 4 ވައް މާޅޮސްކޮޔޮ
- 1 ޖޯޑު ހަކުރު
- 1 ޖޯޑު ހަނޑޫ(ހިމުންކޮށް މުގުރާފައި)
- 2 ޖޯޑު ކާށި ބޯކިރު
- 2 މޭޒުމަތީ ސަމުސާ ފިނިފެން/މާފެން
- ކާށި ފެންކިރު
ތައްޔާރުކުރާނެ ގޮތް
މާޅޮސްކެޔޮ ތޮށިމަށާލުމަށް ފަހު ވައް ފޮއްޗަށް ކޮށާލާށެވެ. ތެއްޔަކަށް ފެން ފޮދެއް އަޅާފައި، ފެން ރަނގަޅަށް ކެކެން ފެށުމުން ކެޔޮކޮޅު އަޅާފައި ރަނގަޅަށް މަޑުވަން ދެން ކައްކާލާށެވެ. ކެޔޮ މަޑުވުމުން އުނދުޅިއެއް ފަދަ އެއްޗަކުން ކެޔޮ ކުޑަކޮށް ޗަސްކޮށްލާށެވެ. އަދި ޗަސްކޮށްފައިވާ ކޭލުގެ ތެރެއަށް ހަކުރު، ހިމުންކޮށްފައި ވާ ހަނޑޫ އަދި ބޯކިރު އެއްކޮށްލުމަށް ފަހު މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާށެވެ. މާފެން ނުވަތަ ފިނިފެން އެއްކޮށްލުމަށް ފަހު ބޭނުންވާ ދިޔާމިނަކަށް ބެހެއްޓުމަށް ފެންކިރު އަޅާލާށެވެ. އަދި ދޭއް ނުވަތަ ތިން މިނެޓް ވަންދެން މަޑުގިނީގައި ކައްކާލާށެވެ.
ސިއްހީ ފައިދާތައް
މާޅަސްކެޔޮ އިން ސިއްހީ ގިނަ ފައިދާތައް ލިބިގެން ދާއިރު މިއީ ފަލަމަޑީގެ ބާވަތެކެވެ. ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމާއެކު ކޭލުގައި ގިނަ އަދަދެއްގެ ފައިބަރު އެކުލެވިގެންވެއެވެ. މިއަދު ތައްޔާރުކޮށްލި މި ރެސިޕީގައި ބޭނުންކޮށްފައިވާ ހަނޑޫ އަދި ކޭލުން މީހާއަށް ބޭނުންވާ ވަރަށް ހަކަތަ ލިބިގެން ދާއިރު، މިއީ ކުޑައެތިކޮޅެއް ކާލުމުންވެސް ބަނޑުފުރޭ ކެއުމެކެވެ.