ފިޝަރީޒް މިނިސްޓްރީގެ ސައްހަ ހުއްދައެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރާސާ ކުރުމަކީ މަނާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބައެއް ފަރާތްތަކުން އެ މިނިސްޓްރީގެ ހުއްދައެއް ހޯދުމެއް ނެތި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވައިދާ ހިލާފަށް ކުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި ދިރާސާތައް ކުރަމުންދާ ކަމަށް ވެސް ފިޝަރީޒުން ބުނެއެވެ.
ދިރާސާ ކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ފަހު ހުއްދަ ލިބުމުގެ ކުރިން ބައެއް ފަރާތްތަކުން ދިރާށާގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެހެންކމަުން އެ ފަދަ ދިރާސާތައް ކުރަން ބޭނުންވާ ފަރާތްތަކުން ދިރާސާ ކުރަން ފަށަން ބޭނުންވާ ތާރީހުގެ ދެ މަސް ކުރިން ހުއްދަ ހޯދުމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ފިޝަރީޒުން ބުނެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކެއް ދިރާސާއެއް ނުވަތަ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުން ހުރި ދިރާސާއެއް ކުރާ ނަމަ، ފިޝަރީޒް މިނިސްޓްރީގެ ރިޒާޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ހުށަހެޅޭނެއެވެ.
ފިޝަރީޒް މިނިސްޓްރީން މިހެން ބުނެފައިވާ އިރު، ބައިންލައަގްވާމީ ފަރާތްތަކުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިރާސާ ކުރުމަށް ރާއްޖެއަށް އައިސް ދިރާސާތައް ވަނީ ކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގެ ކަނޑުގެ އަޑީގެ ދިރުންތަކާ ބެހޭ ދިރާސާތައް ބައެއް ދިވެހިން ވެސް ކުރަމުން އަންނަ ކަން ވަނީ ފާހަގަ ވެފައެވެ.
ތިޔަ މިނިސްޓްރީއަކީ ދުވަހަކުވެސް ކަމަކަށް ހުއްދަ ދިން ތަނެއްނޫނެވެ. ތިމާމެން ކަމެއް ނުކުރާތާ އެހެން ބަޔަކު ކަމެއް ކުރަން އުޅުނަސް ތިޔަ މިނިސްޓްރީއިން ނޫނީ ރިސާޗް ސެކްސަނުން އެކަމަކަށް ހުރަސްއަޅާ ހުއްޓުވާނެއެވެ. އެއީ ކިތަންމެ މުހިންމު ކަމެއްވިޔަސް ހެޔޮއެވެ. ތިޔަ މިނިސްޓްރީ މަޝްހޫރު ވެފައި އޮންނަނީ “ނޫން” މިނިސްޓްރީގެ ގޮތުގައެވެ.