އިއްޔެގެ ވަގުތެއްގައި ކުޑަ ދެ ދަރިންނާއި އެ ކުދިންގެ މަންމަ ގެއިން ނެރެލި މައްސަލައިގައި އެ ތިން މައިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް، ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ހަތް އަހަރުގެ އަންހެން ކުއްޖެއް ގޮވައިގެން ދިރިއުޅެމުން ދިޔަ އެކަނިވެރި މަޔެއް ކަމަށްވާ އެ އަންހެން މީހާ އާއި ކުދިން ގެއިން ނެރެލާފައި ވަނީ ކުދިންގެ ބައްޕަގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެމުން ދަނިކޮށެވެ. އެ ތިން މައިން އެ ގޭގައި ދިރިއުޅެމުން ދިޔައީ އުޅޭނެ އިތުރު ތަނެއް ނެތުމުންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެ ތިން މައިން ގެއިން ނެރެލި މައްސަލަ އެ މިނިސްޓްރީ އަށް ހުށަހެޅުމާ ގުޅިގެން، އެ ތިން މައިން ދިރިއުޅޭ ތަނަށް މިނިސްޓްރީގެ ފަރާތުން ގޮސް، ތިން މައިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން މަގުފަހިކޮށްދީފައިވާ ކަމަށާއި، ގާނޫނީ ހައްގު ހޯދައިދިނުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ.

މައިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމިއްޔާ އެއް ކަމަށްވާ މަމްސް އެއިޑުން ފޭސްބުކްގައި އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ގެއިން ނެރެލި ތިން މައިންގެ ތަކެތި ހުރީ މަގުމައްޗަށް އުކާލައިފައެވެ. އެ ތިން މައިންގެ އާއިލާ އާ ހަވާލާދީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މަމްސް އެއިޑުން ބުނީ:

  • އެ ތިން މައިން މިހާރު ތިބީ ކާނެ އެއްވެސް އެއްޗެއް ނެތި، ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ކަމަށް
  • އެ ތިން މައިން ގެންގުޅޭ މުހިންމު ތަކެތި މިހާރު ދިރިއުޅެމުންދާ ތަނަށް ގެންގޮސްފައިވާ ކަމަށް

އެ އެންޖީއޯ އިން އިތުރަށް ބުނީ، ކުދިންގެ ބައްޕަގެ ގޭގެ ކޮޓަރީގައި އެ އާއިލާ ދިރިއުޅެމުން ދިޔައިރު، އެ އަންހެން މީހާ އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން:

  • ކޮވިޑް-19 ގެ ދުވަސްވަރު ގެއިން ނެރެލާ އެ އަންހެން މީހާ އަށް އަނިޔާކޮށްފައިވޭ
  • އޭގެ ފަހުން ވެސް ފާހާނާގައި އިންދާ އެ އަންހެން މީހާ ދަމާ ނެރެ މަގުމަތިކޮށްފައިވޭ، އޭރު އެ އަންހެން މީހާ ހުރީ ގައިގައި ތުވާލިކޮޅެއް އޮޅާލައިގެން
  • އޭގެ އިތުރުން އެކިފަހަރު މަތިން ސިޑިން ވައްޓައި، ފިރިމީހާ ވަޅިން ބިރު ދައްކާފައިވޭ
  • އެތައް ފަހަރެއްގެ މަތިން ކަރަންޓާއި ފެން ކަނޑައި، ގޭގައި ނެތް ވަގުތު ގޭގެ ތަޅު ވެސް ބަދަލުކޮށްފައިވޭ

އާމްދަނީ ހޯދުމަށްޓަކައި އެ އަންހެން މީހާ ގެންދިޔައީ ރޮށި ފިހެ ވިއްކަމުންނެވެ. ނަމަވެސް އާމްދަނީން ތިން މައިންނަށް ދެކޮޅު ނުޖެހި، އެއްކޮށް ކަހަލަ ގޮތަކަށް ހޭދަވަނީ ގޭ ކުއްޔަށެވެ. އެހެންވެ ރުފިޔާ ނެތުމުން، ދަރިން ނުކައި ހުސްބަނޑާ ހުންނަން ޖެހޭ ދުވަސްތައް ވެސް ވޭތުވެގެން ދެއެވެ.

އެހެންކަމުން އެ ތިން މައިންނަށް އެހީތެރިކަން ދިނުމަށް ހުޅުވާލި ފުރުސަތުގައި ތިން ގަޑިއިރުތެރޭ އެ ތިން މައިންނަށް ބޭނުންވާ ވަރަށް ފައިސާ އާއި ތަކެތި ލިބިފައިވާ ކަމަށް، މަމްސް އެއިޑުން ބުންޏެވެ. އެ ޖަމިއްޔާ އިން ބުނީ، އެ އެހީގެ ދަށުން ލިބުނު ފައިސާ ބޭނުންކުރެވިގެން ދާނީ އުޅޭނެ ތަނެއް ކުއްޔަށް ނެގުމަށާއި، ކުލީގެ އެޑްވާންސް ދެއްކުމަށާއި، ފަރުނީޗަރާއި، ކުދިންނަށް ބޭނުންވާ ސާމާނުގެ އިތުރުން ކާބޯތަކެތި ގަތުމަށް ކަމަށެވެ.