މިއަދު ރ. މަޑުއްވަރީގައި ޕިކަޕަކުން ޖެހި ނިޔާވި އެ ރަށު ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަސްލަމްގެ އާއިލާއަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތައުޒިޔާ ކިޔައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް އަސްލަމް ނިޔާވި ހަބަރު އެ ކޯލިޝަންގެ މެންބަރުން އެހީ ފުން ހިތާމައާއި އަސަރާއެކުގައި ކަމަށާއި އަސްލަމް ނިޔާވުމުގެ ހިތާމައިގައި އެ ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވާ ކަމަށެވެ.
މީގެ އިތުރަށް އެ ކޯލިޝަނުން ވަނީ މާތްﷲ އަސްލަމްގެ ފުރާނައަށް ރަހުމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި އާއިލާގެ އިތުރުން މަޑުއްވަރީ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި ރައީސް އަބްދުﷲ ޔާމީނާއި އަދި ކޯލިޝަންގެ އެންމެހާ މެންބަރުންގެ ނަމުގައި ތައުޒިޔާ ކިޔާފައެވެ.
އަސްލަމް ނިޔާވި ހާދިސާ އާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އިން ބުނީ ރ. މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެހި ވަގުތު އެ ޕިކަޕުގެ ފަހަތުގައި ހުރި މީހެއް [އަސްލަމް] ގެ ގައިގައި ޕިކަޕުން ޖެހި އެކްސިޑެންޓް ހިނގީ މިއަދު މެންދުރު ކަމަށެވެ.
އަސްލަމް ނިޔާވެފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
މިހާދިސާ އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.