އިއްޔެ ނ. މަނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ ނައީމާ މޫސާ(62އ)ގެ ޖަނާޒާގެ ކަންތައްތައް މިއަދު އެ ރަށުގައި ބާއްވަން ނިންމައިފިއެވެ.

ނައީމާގެ ކަށުނަމާދު މިއަދު މަޣްރިބް ނަމާދަށް ފަހު މަނަދޫ މަސްޖިދުލް ރިޟްވާންގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު ނައީމާގެ މަރާ ގުޅިގެން އަދި ފުލުހުން މާބޮޑު ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ އިރުއޮއްސި 6:13 ހާއިރުއެވެ. ފުލުހުން އެ ގޭގެ ދޮރު ހަލާކު ކޮށްގެން ވަންއިރު އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ.

ނައީމާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމުގެ އަޑުތައް ފެތުރިފައި ވާއިރު މަނަދޫ ކައުންސިލުން ވަނީ މި މައްސަލައިގައި ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެރަށުން ބޭރަށް އެއްވެސް މީހަކު ނުވަތަ އުޅަނދެއް ފުރާ ނަމަ ފުލުހުންނަށް އަންގާފައި ނޫނީ ނުފުރުމަށް ރައްޔިތުންނަށް އަންގާފައެވެ. އަދި ބަޔަކު އެ ރަށަށް ދާނަމަ ދިއުމުގެ ކުރިން ފުލުހުންނަށް އެންގުމަށްފަހު ރަށަށް އެރުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

ނައީމާގެ މަރާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓް ގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ނައީމާ ވަނީ ހަމަލާ ދީ މަރާލާފައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމް ހުރި އިރު ކަރުގައި ވަަޅިއަޅައި ބުރިކޮށްލަން މަސައްކަތް ކޮށްފައި ހުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ.