ނ. މަނަދޫގައި 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ 3000 މީހުންގެ އާބާދީއެއް އޮންނަ މަނަދޫގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫތަކެއް ވަނީ ނުފެށި ހުއްޓިފައި ކަމަށާއި މިކަމަކީ އެރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.

މިއާއެކު އެމްޓީސީސީ އިން ބުނީ މި މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއ،ި ހާއްސަ އިރުޝާދުފުޅުގެ ދަށުން ގިނަ މަޝްރޫތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީ އިން މަނަދޫގައި ނިންމުމަށް ހަމަޖެހިފައިވާ 4 މަޝްރޫއަކީ:

  • އަތޮޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް
  • ކުޑަކުދީންގެ ޕާކެއް
  • އައުޓްޑޯ ޖިމެއް
  • ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް

އެމްޓީސީސީ އިން ބުނީ މި މަޝްރޫތަކާއެކު މަނަދޫގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަނަދޫގެ އިތުރުން ނ. މަގޫދޫ 2 މަޝްރޫއެއް ފެށުމަށާއި އަދި ނ. މާފަރު 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށްވެސް އެމްޓީސީސީ އިން ވަނީ ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައެވެ. ނ. މަގޫދޫގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމާއި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެރަށަކީ އާބާދީގައި 350 މީހުން ދިރިއުޅޭ ރަށެކެވެ. މީގެ އިތުރުން އާބާދީގައި 1200 މީހުން ދިރިއުޅޭ ނ.މާފަރު ގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރަކާ، އައުޓްޑޯ ޖިމެއްގެ އިތުރުން ފުޓްބޯޅަ ދަނޑަކާއި، ޕޮލިސް ޕޯސްޓެއް ހެދުމަށް މި މަހުގެ 11 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައިވެއެވެ.

ވޭދުވެދިޔަ 44 އަހަރުތެރޭގައި އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.