މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ރޭ، ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލާފައި ވަނީ އޭނާއަކީ ފަންޑިތަ ހަދާ މީހެއް ކަމަށް ގަބޫލު ކުރެވި ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ ނައީމާ މަރާލި މަގުސަދަކީ އޭނާއަކީ ފަންޑިތަ ހަދާ މީހެއް ކަމަށް ބަޔަކަށް ގަބޫލުކުރެވިގެން، އެކަމުގެ ބަދަލު ހިފުން ކަމަށެވެ.

ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތަހުގީގު ފުރިހަމަކޮށް މިވަގުތު ޝަރީއަތަށް ހުށަހެޅި ޝަރީއަތް ކުރިއަށް ދާކަން ފާހަގަކޮށް ސާމިހު ވިދާޅުވީ މިހާތަނަށް ކުރެވުނު ތަހުގީގުން ނައީމާ މޫސާއަކީ ސިހުރު ނުވަތަ ފަންޑިތަ ހަދާ މީހެއްގެ ގޮތުގައި ފާހަގަ ކުރެވިފައެއް ނުވާ ކަމަށެވެ. އަދި ހަމައެކަނި ބައެއް ފަރާތްތަކުން ނައީމާއަކީ ފަންޑިތަ ސިހުރު ހަދާ މީހެއް ކަމަށް ބުނާ ބުނުން ފިޔަވާ ހަރުދަނާ އެއްވެސް ހެއްކެއް ގަރީނާއެއް ހޯދިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައީމާ މަރުގެ މައްސަލައިގައި ދައުވާކުރާ 3 މީހުން:

  • އަހުޒަމް އަބްދުއްޝަކޫރު، ފެހިވިލާގެ، ނ. މަނަދޫ، (23 އަހަރު)
  • އަބްދުލްވާހިދު ރިފާސް ފިނިފެންމާގެ، ނ. މަނަދޫ (21 އަހަރު)
  • ހަސަން ފަވާޒް ވިނަރެސް، ނ. މަނަދޫ (21 އަހަރު)

އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ކުރަން ނިންމާފައިވަނީ ނައީމާ މަރާލުމަށްފަހު މަނަދޫ ނާމަގު ސަރަހައްދަށް ގޮސް ވަޅެއް ކޮނެ، އެ އަމަލު ހިންގުމަށް ބޭނުންކުރި ވަޅިއާ އެހެނިހެން ތަކެތި ނައްތާލާ، އަންދާލާފައި ވާތީ ހެކި ނައްތާލުމުގެ ބައިން ކަމަށެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާކުރަން ނިންމާފައިވަނީ އެ ގޭ ދޮރު ތަޅުލާފައި ދިއުމުން ކަމަށާއި އެހެންކަމުން އެ ހާދިސާ ހިނގިކަން އާއިލާއަށް އެނގުނީ 40 ގަޑިއިރު ފަހުން ކަމަށެވެ.