ނ. މަނަދޫ އަންނާރުމާގެ، އުމުރުން 62 އަހަރުގެ ނައީމާ މޫސާ އޮތީ މަރާލާފައި ކަމަށާއި ފެނުނީ ޑިއުޓީއަށް ނުދާތީ ބެލިއިރު ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ. "ދަ ޕްރެސް" ދެނެގަނެވިފައިވާ ގޮތުން ނައީމާއަށް ވަނީ ތޫނު އެއްޗަކުން ހަމަލާތަކެއް ދީ އޭނާގެ ކަރުވެސް ބުރިކޮށްލަން މަސައްކަތް ކޮށްފައެވެ.

އިއްޔެ ފުލުހުން ބުނީ މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ އަންހެނެއްގެ ހަބަރެއް ނުވާކަމަށް އިރުއޮއްސި 06:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވުމާއެކު އޭނާ ދިރިއުޅޭ ގެއަަށް ގޮސް އެގޭ ކޮޓަރި ދޮރު ވައްޓާލާ ކޮޓަރިއަށް ވަން އިރު އެ އަންހެން މީހާ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން މައުލޫމާތު ހިއްސާ ކުރައްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ވިދާޅުވީ ނައީމާގެ ދަރިންވެސް ތިބޭ ކަމަށާއި އެހެންނަމަވެސް އެ ދަރިން ދިރިއުޅެމުން ދިޔައީ މާލޭގައި ކަމުން އެގޭގައި އުޅެމުން ދިޔައީ ނައީމާ އެކަނި ކަމަށެވެ.

އިއްޔެއާ ޖެހެންދެންވެސް ނައީމާއަކީ ރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ އެ ކައުންސިލްގެ މުވައްޒަފެއް ކަމަށާއި ޑިއުޓީއަށް ނިކުމެ މަސައްކަތް ވެސް ކުރަމުން އައި މީހެއް ކަމަށް އަބްދުއްރަހްމާން ވިދާޅުވިއެވެ.

ނައީމާގެ އާއިލާގެ އެހެން މެންބަރުން އެ ރަށުގައި އުޅެމުންދާކަން ފާހަގަކުރައްވާ އަބްދުއްރަހްމާން ވިދާޅުވީ ބުރާސްފަތި ދުވަހުވެސް ޑިއުޓީއަށް ނުދާތީ އޭނައާ އެއްކޮށް މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެ ގެ ކައިރިއަށް ގޮސް ގޮވާ ހެދި ކަމަށާއި އެހެންނަމަވެސް ހަބަރެއް ވެފައި ނުވާ ކަމަށެވެ. އަދި އިއްޔެ ހަވީރު ވެސް ހަބަރެއް ނުވުމުން އާއިލާއިން ފުލުހަށް ރިޕޯޓްކޮށްގެން އެގެއަށް ވަނީ ދޮރު ހަލާކުކޮށްގެން ކަމަށް އަބްދުއްރަހްމާން ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހްމާން ވިދާޅުވީ ހަމަލާތަކެއް ދީފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ދީފާ ނުވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބޭ ގޮތުން، ނައީމާގެ ހަށިގަނޑު މާލެ ގެނައުމުގެ ވާހަކަވެސް ދައްކައެވެ. ނަމަވެސް މިކަމުގައި ފުލުހުން މައުލޫމާތު ހިފަހައްޓާތީ ގިނަ ސުވާލުތަކަށް ވަނީ ޖަވާބު ނުލިބިއެވެ.

ނައީމާގެ ހަށިގަނޑު އެ ރަށުގެ ހިނަވާގޭގައި މިހާރު ބާއްވާފައި ވާއިރު އާއިލާއަށް މޫނު ދެއްކުމުގެ ކަންކަން ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

މި މައްސަލާގައި ފުލުހުން ބުނީ މި މައްސަލާގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓް ގެ ޓީމެއް މަނަދޫގައި ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.