ސެމްސަންގް ގެ ޗިޕް އުފައްދާ ކުންފުނިން ބުނީ ދުނިޔޭގެ އިގްތިސާދު މަޑުޖެހުމާއި ކޮވިޑަށް ފަހު ޑިމާންޑް ދަށްވުމުގެ ސަބަބުން ފައިދާވާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
ސެމްސަންގުން ބުނީ ޕްރިލިމިނަރީ ނަމްބަރުތަކުން ދައްކާ ގޮތުގައި ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް އޮޕަރޭޓިން ޕްރޮފިޓް 600 ބިލިއަން ވޮން (366 މިލިއަން ޕައުންޑް) އަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
ޗިޕް އުފެއްދުން މަޑުޖައްސާލަން ނިންމި ނަމަވެސް އެ ކުންފުނީގެ ހިއްސާ ވަނީ ހަތަރު ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންތަކުގައި މެމޮރީ ޗިޕްތަކަށް އޮތް ޑިމާންޑް ބޮޑުވީ ކަސްޓަމަރުން ގޭގައި ބޭނުން ކުރަން އާ އިލެކްޓްރޯނިކްސް ގަތުމުންނެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޗިޕްގެ ދަތިކަމުން މި އިންޑަސްޓްރީ މިހާރު ރަނގަޅުވަމުން އަންނައިރު، ގިނަ ސެމިކޮންޑަކްޓަރު އުފައްދާ ކުންފުނިތަކަށް ދަނީ އެ މީހުންގެ އިންވެންޓްރީތަކާއި މިހާރުގެ ޑިމާންޑާ އިދިކޮޅަށް ބެލެންސެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންނެވެ.
"މުޅި އިގްތިސާދު މަޑުޖެހުނީމަ ކުއްލިއަކަށް މި އެންޑް ޕްރޮޑަކްޓްތަކަށް އޮތް ޑިމާންޑް މަޑުޖެހުނީ. އެހެންވީމަ މި އެންޑް ޕްރޮޑަކްޓްތައް އުފައްދާ ފަރާތްތަކުން ޗިޕްތަކަށް އޯޑަރު ދިނުން ހުއްޓާލައި މިހާރުވެސް ހުރި އިންވެންޓްރީ މެދުވެރިކޮށް ވިއްކުމަށް ވަނީ ސަމާލުކަން ދީފަ" މެނޭޖްމަންޓް ކޮންސަލްޓެންސީ ބެއިން އެންޑް ކޮމްޕެނީގެ އެނަލިސްޓް ޕީޓާ ހަންބަރީ ބުންޏެވެ.
ޓީވީ، ޓެބްލެޓް އަދި ސްމާޓްފޯން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސެމްސަންގުން ވަނީ ވާދަވެރިންނާ އަޅާ ބަލާއިރު މެމޮރީ ޗިޕް އުފެއްދުން މެދުކަނޑާލުމާ ފުރަތަމަ ދެކޮޅު ހަދާފައެވެ. އެ ކުންފުނިން ޕްރޮޑަކްޝަން މެދުކަނޑާލަން އިއުލާނު ކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް އެނަލިސްޓުންވެސް ވަނީ ބުނެފައެވެ.
އެ ކުންފުނިން މިދިޔަ މަހު ވަނީ، ދެކުނު ކޮރެއާގައި މެގަ ސެމިކޮންޑަކްޓާ ހަބެއް ތަރައްގީ ކުރުމަށް 20 އަހަރުގެ ތެރޭގައި 300 ޓްރިލިއަން ވޮން އިންވެސްޓް ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އިންވެސްޓަރުން އުއްމީދު ކުރަނީ ސެމްސަންގްގެ މި އިއުލާނަކީ ސެމިކޮންޑަކްޓާ އިންޑަސްޓްރީގެ މާކެޓް ރިކަވަރީގެ ނިޝާނެއް ކަމަށެވެ.
އެ ކުންފުނީގެ ތަފްސީލީ އާމްދަނީ މި މަހުގެ ފަހުކޮޅު ނެރުމަށް ވަނީ ހަމަޖެހިފައެވެ.