ދުނިޔޭގެ އިގްތިސާދު މިއަހަރު 3 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ލަފާކުރެވޭ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމާއި ފަގީރުކަމުގެ ނުރައްކާ ބޮޑުވެގެންދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

ކްރިސްޓަލީނާ ޖިއޯޖީވާ ބުރާސްފަތި ދުވަހު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުވެސް ދުނިޔޭގެ އިގްތިސާދު ތިން ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ 1990 ވަނަ އަހަރަށް ފަހު މެދުރާސްތާގެ ކުރިއެރުން ލިބޭނެ ކަމަށް ލަފާކުރި އެންމެ ދަށް އަންދާޒާއެއް ކަމަށާއި ހާއްސަކޮށް އާމްދަނީ މަދު ގައުމުތަކަށް މިއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަގީރުކަމާއި ބަނޑުހައިހޫނުކަން އިތުރަށް އިތުރުވެދާނެ، މިއީ ކޮވިޑްގެ ކާރިސާގެ ސަބަބުން ފެށުނު ނުރައްކާތެރި ޓްރެންޑެއް."
ކްރިސްޓަލީނާ

ކްރިސްޓަލީނާ މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ އިގްތިސާދުގެ އެންމެ ބޮޑު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އަންނަ ހަފުތާގައި އައިއެމްއެފް އާއި އެ ޖަމިއްޔާގެ ސިސްޓާ ލޭންޑިން އެޖެންސީ، ވޯލްޑް ބޭންކުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.

ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އިންޓްރެސްޓް ރޭޓް ތައް މަތިކުރަމުން ދާއިރު، ކުރިއަރަމުން އަންނަ އިގްތިސާދުތަކުގައި ދަރަނީގެ ދަތިކަން ބޮޑުވެ، ގައުމުތަކުގެ ކުރިއެރުމަށް ހުރަސް އެޅޭތީ، ކޮންމެ އަހަރަކު ވެސް މި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ދަރަނި ނެގުމުގެ ހަރަދު ބޮޑުވެ، އެކްސްޕޯޓަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުންނާއި ފަގީރުކަމާއި ބަނޑުހައިހޫނުކަން އިތުރުވުމުގެ ސަބަބުން، ދަށް އާމްދަނީ ލިބޭ ގައުމުތަކަށް ދެގުނަ ދަތިވާނެ ކަމަށް ބެލެވޭ ކަމަށް ކްރިސްޓަލީނާ ވިދާޅުވިއެވެ.

"އާމްދަނީ މަދު ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސެންޓް ގައުމު މިހާރުވެސް ދަރަނީގެ ހާލުގައި ޖެހިފައި އެބަހުރި، އިތުރު 45 ޕަސެންޓް ގައުމު ތިބީ އެއާ ގާތުގައި"
ކްރިސްޓަލީނާ

ކްރިސްޓަލީނާ ވިދާޅުވީ އިންޓަރެސްޓް ރޭޓްތައް ދެމެހެއްޓެނިވި ގޮތެއްގައި މަތިވުމާއި، އެމެރިކާ އާއި ޔޫރަޕްގެ ބޭންކުތައް ފެއިލްވެ، ޖިއޮޕޮލިޓިކަލް ބައިބައިވުންތައް އިތުރަށް ވަރުގަދަވުމުގެ ސަބަބުން ދުނިޔޭގެ މާލީ ހަމަޖެހުމަށް ނުރައްކާވަމުންދާ ކަމަށެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 6.9 މިލިއަން މީހުން މަރުވެ، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫ އަރައި، ދުނިޔޭގެ ކާބޯތަކެތީގެ ނާމާންކަން ވަނީ އިތުރުވެފައެވެ.

އެހެންނަމަވެސް ކުރިއަރާފައިވާ އިގްތިސާދުތަކަށް އިންފްލޭޝަން މަތިވުމުގެ ގޮންޖެހުންތަކާއި، ފަގީރު ގައުމުތަކަށް ދަރަނީގެ ބުރަ ބޮޑުވެ، އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި އެހެނިހެން ގައުމުތަކުން ޗައިނާއާއި އެކު އޮންނަ ވިޔަފާރީގެ ގުޅުންތަކާމެދު އަލުން ވިސްނަމުންދާ މި ދަނޑިވަޅުގައި، ހަމަނުޖެހުން އުފެދިދާނެކަމުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.