ނ. މަނަދޫ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށް، އަދި އަރައި ފޭބުމަށް ބޭނުންވާ ހާލަތުގައި ހުއްދަ ހޯދުމަށް އެދިއްޖެއެވެ.

މަނަދޫ ކައުންސިލުން ބުނީ، މަނަދޫ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މި ވަގުތުން ފެށިގެން އެރަށުން ބޭރަށް އެއްވެސް މީހަކު ނުވަތަ އުޅަނދެއް ފުރާ ނަމަ ފުލުހުންނަށް އަންގާފައި ނޫނީ ނުފުރުމަށް ވެސް ކައުންސިލުން ވަނީ ރަށު ރައްޔިތުންނަށް އަންގާފައެވެ.

އަދި ބަޔަކު އެ ރަށަށް ދާނަމަ، ދިއުމުގެ ކުރިން ފުލުހުންނަށް އެންގުމަށް ފަހު، ރަށަށް އެރުމަށް ވެސް ކައުންސިލުން ކޮމިއުނިޓީ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.

މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ އަންހެނެއްގެ ހަބަރެއް ނުވާކަމަށް މިއަދު ހެނދުނު 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ އިރު، ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ވަނީ ބަލާފައެވެ. އެ ގޮތުން އެގޭ ކޮޓަރި ދޮރު ވައްޓާލާ ކޮޓަރިއަށް ވަން އިރު އެ އަންހެން މީހާ ކޮޓަރިތެރޭ ބިންމަތީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ.