11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެއް މޭޒަކުން ބައްދަލުވެ ވާހަކަ ދައްކަވައިފިއެވެ.

މީގެ 11 އަހަރު ކުރިން ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ވެރިކަމުގައި އޭރު ހުންނެވި ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމުން، 2013 ގެ ނިޔަލަށް ވެރިކަމާ ހަވާލުވެވަޑައިގަތީ ޑރ. ވަހީދެވެ. ނަޝީދާއި އެމްޑީޕީން ތުހުމަތުކުރީ ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ އިދިކޮޅާ ގުޅިގެން ބަޣާވާތެއް ކޮށްގެން ކަމަށެވެ.

އޭގެ ފަހުން ދެ ބޭފުޅުން އެކުގައި ފެނިވަޑައިނުގަންނަވާތާ އެތައް އަހަރެއް ފަހުން އެ ދެ ބޭފުޅުން ރޭ ބައްދަލުވީ ސައޫދީން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މަތްރިކް އައް-ދައުސަރީ މީރުމާ ހޮޓެލްގައި ދެއްވި ރޯއްދަވީލުމެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ނަޝީދާއި ވަހީދު ތިއްބެވީ ޖެހިޖެހިގެންނެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ދެ ބޭފުޅުން ވެސް ތިއްބެވީ ވަރަށް ބޮޑަށް ހެވިފައެވެ.

ނަޝީދާއި ވަހީދުގެ އިތުރުން އެހެން ސިޔާސީ ބައެއް ބޭފުޅުން ވެސް ސައޫދީ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުގެ އިތުރުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ނަޝީދާއި ވަހީދު އެކުގައި ފެނުނު ފޮޓޯ އެއް މަޖިލީހުން އާންމުކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާ އެކު މަސައްކަތްކުރެއްވުމަށް ނިންމަވާފައި ވަނިކޮށެވެ.