ހަދިޔާގެ ގޮތުގައި ކައުންސިލަށް ލިބުނު 15،000 ކާށި މާލޭ ރައްޔިތުންނަށް ބަހަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކާށި ބެހުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 96 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ރޭ 10،000 ކާށި ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވާއިރު އަންނަ ހަފްތާ ތެރޭ ބާކީ 5000 ކާށި ކައުންސިލަށް ލިބޭނެ ކަމަށް ކައުންސިލުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާންމު ޖަަލްސާގައި ވިދާޅުވެފައެވެ.

ކާށި ބެހުމަށް ނިންމާފައި ވަނީ 5 ކާށީގެ ޕެކޭޖު ހެދުމަށް ފަހުއެވެ. އަދި ފުރަތަމަ ފަސް ދުވަހު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ލިޔެކިއުންތައް ހިފައިގެން ކައުންސިލަށް ދިއުމުން ކާށި ދޫ ކުރުމަށް ނިންމާފައި ވާއިރު އޭގެ ފަހުން އާންމުން އައިޑީ ކާޑު ހިފައިގެން ދިއުމުން ކާށި ދޫކުރުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ކާށި ހަދިޔާ ކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ ބްރަދާސްގެ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ކަމަށް މައުލޫމާތު ލިބެއެވެ. އާންމު ބާޒާރުގައި ވެސް ކާށިގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ކާށި ހަދިޔާ ކުރުމުން ކައުންސިލުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ކުރިއާ އަޅާ ބަލާއިރު މިރޯދަމަހު ކާށި ކިލޯއެއްގެ އަގު ވަނީ 80ރ އިން މައްޗަށް އަރާފައެވެ. ނަމަވެސް މިފަހުން އެސްޓީއޯއިން ގެނައި ކާށި ޝިޕްމަންޓަކާ އެކު އަގުތައް 12ރ އަށް ވެއްޓުނެވެ.