ރޭގެ ވަގުތެއްގައި ހިޔާ ފްލެޓެއްގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުރަތަމަ ހާދިސާ ހިނގައިގެން ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 00:41 ހާއިރު ހިޔާ ފްލެޓް H5-17-02 އެޕާޓްމެންޓްގެ ބެލްކަނީގައި ރޯވެގެން އުޅޭ ކަމަށެވެ.
އެއާއެކު އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލިއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ބެލްކަނީގައި އެވަގުތު ހުރި ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅިވިއެވެ. އަލިފާން ރޯވުމާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ ފްލެޓް ތައް ދޫކޮށް ބޭރަށް ނުކުމެފައެވެ.
އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަ ގޮތުން ރޯވި އަލިފާންގަނޑު ވަނީ ދޮރުތަކުން ވެސް ބޭރަށް ނުކުމެފަ އެވެ. އަދި އެ ހާދިސާ ހިނގަން ދިމާވި ސަބަބަކީ ބެލްކަނީގައި ހުރި ކުނި ތަކެއްގެ މައްޗަށް ނިއްވާ ނުލާ އޮތް ސިނގިރޭޓް ފިލްޓަރެއް އެއްލުމުގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
ރޭ ފަތިހު 05:32 ހާއިރު އަނެއްކާވެސް ހުޅުމާލެ ފޭސް 2 ގެ ހިޔާފްލެޓް H5 ޓަވަރުގެ އެއްވަނަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ދޭތެރޭގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓުގެ މަތީގައި ހުރި ކުނިތަކެއްގައި ރޯވެގެން އުޅޭ ކަމުގެ ހަބަރު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރި ވެފައި ވެއެވެ. އަދި އެ ހާދިސާގައިވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑި އިރެއްހާއިރު އަލިފާނުގެ 2 ހާދިސާ ހިޔާ ފްލެޓްގައި ހިނގާފައި ވާއިރު އެފަދަ ހާދިސާ ތަކުން ރައްކާތެރި ވުމަށް އާބަންކޯއިންވެސް ވަނީ އާންމުންނަށް ނަސޭހަތްތެރި ވެފައެވެ.
ހިޔާ ޓަވަރުތަކަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތަނެއް ކަމުން އެފަދަ ކުޑަ ހާދިސާއަކުން ވެސް ގިނަ އަދަދެއްގެ އާންމުން ދަނީ ނުރައްކަލަށް ހުށަހެޅެމުންނެވެ.
މީގެ ކުރިންވެސް ވަނީ ސިނގިރޭޓް ފިލްޓަރު ނުނިއްވާ އެއްލާލުމުގެ ސަބަބުން ހިޔާ ފްލެޓް ގައި އަލިފާނުގެ ހާދިސާ ހިނގާފައެވެ.