ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމަށް ހުއްދަ އަށް އެދި ހުށަހެޅި ކުންފުނިތަކުން ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާތީ، އަގުތައް ކޮންޓްރޯލްކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީން އަލުން ބިޑަށް ހުޅުވާލައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކޯޕަރޭޝަން ފިޔަވައި، ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމަށް ތިން ކުންފުންޏަކަށް ހުއްދަ ދިނުމަށް ނިންމައި ބިޑަށް ހުޅުވާލައިފައެވެ. ބިޑު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 11 ކުންފުންޏަކުން ބިޑު ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ބިޑު ހުށަހަޅަން އޭރު ހުޅުވާލި ފުރުސަތުގައި ހައްޖަށް މީހުން ގެންދިއުމަށް ހުށަހެޅޭނެ ވަކި އަގުތަކެއް ބަޔާންކޮށްފައެއް ނުވެއެވެ. އެ ބިޑުތަކާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ، މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ބިޑަށް ހުޅުވާލުމުން ބިޑު ހުށަހެޅި 11 ކުންފުނީގެ ޕްރޮޕޯސަލްތައް ބާތިލްކޮށް، އެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.

އެ ކުންފުނިތަކުގެ ބިޑުތައް ބާތިލްކުރި ސަބަބެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބުނީ:

  • ކުންފުނިތަކުން ހުށަހަޅާފައިވާ ބިޑުތަކުގައި ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވާތީ
  • ރާއްޖޭން މީހުން ހައްޖަށް ގެންދިއުމާ ބެހޭ ކަރުދާހުގައި ހައްޖު ޕްރޮޕޯސަލް ފޮތް ހުށަހަޅަން ޖެހޭއިރު ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ

އެ މިނިސްޓްރީން ވަނީ އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ބިޑު ހުށަހަޅާއިރު ހުށަހެޅޭނީ 75 ހާސް ރުފިޔާ އާއި 95 ހާސް ރުފިޔާ އާ ދެމެދުގެ އަގުތަކެއް ކަމަށް ކަނޑައަޅައިފައެވެ.

ހަމަ އެއާއެކު، ބިޑު ހުށަހެޅި ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ކަމަށް ބުނެ، އިތުރު ފަރާތްތަކަށް އެ ފުރުސަތު ނުދޭން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެގޮތުން މި މަހުގެ 13 ގެ ހެނދުނު 10 ޖެހުމުގެ ކުރިން ބިޑުތައް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ކުރިން ބާއްވާ ޕްރީ-ބިޑް މީޓިން އޮންނާނީ އެ މިނިސްޓްރީގެ އޮފީހުގެ މީޓިން ރޫމް 1 ގައި މާދަމާ ހެނދުނު 10 ޖަހާއިރެވެ

ރާއްޖެއަށް ސައުދީން މި އަހަރު ދޫކޮށްފައި ވަނީ 1000 މީހުންގެ ޖާގައިގެ ކޯޓާއެކެވެ. އޭގެތެރެއިން 730 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އިތުރު ޖާގަ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.