އަލްމަދަރަސަތުލް އަރަބިޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ) ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ އަންހެން ކުދިންގެ ބޫނު ބުރުގާ ނަގަން އެންގި މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ޖެންޑާއަށް ހުށަހަޅާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އެވެ. އާޒިމާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ، އަރަބިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެކުދިންގެ ހައްގުތަށް ގެއްލޭ އުސޫލުން ސަރުކާރުގެ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރަމުންދާތީ އެކަމުގެ ސަބަބުން ދަރިވަރުންނަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.
އަދި ތައުލީމު ލިބިގަތުމުގެ ހައްގަކީ އެއްވެސް ކުއްޖަކު އެ ހައްގަކުން މަހްރޫމް ކުރެވޭނެ ހައްގެއް ނޫން ކަމަށާއި ހުރިހާ ކުދިންނަށް ވެސް އެ ހައްގު އެންމެ އެދެވޭ ގޮތުގައި ލިބެމުންދާ ކަން ކަށަވަރު ކުރުމުގެ ޒިންމާ ގާނޫނު ބުނާ ގޮތުން ނަގަން ޖެހޭ އެންމެ މަތީ ފަރާތަކީ ޖެންޑާ މިނިސްޓަރު ކަމަށްވާއިރު އެކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނެއުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ފޮނުއްވި ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
އަދި މިކަމުގެ ސަބަބުން ކުދިންގެ ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އަސަރު ކުރާނެ ކަމަށާއި އެއީ ފޫ ނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށްވެއެވެ.
މި މައްސަލައިގައި ހުކުމެއް ހޯދުމަށްޓަކައި މީގެ ކުރިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހަޅުއްވާފައިވަނީ އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިންނެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ އަރަބިއްޔާ ސްކޫލު ކުދިންނަށް އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދަނިކޮށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައި ވާތީއެވެ.
މިކަމާ ގުޅިގެން ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާ ކުދިންނަށް ހާޒިރުނުވެވޭނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަން އަދި އަރަބިއްޔާސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެ މައްސަލައިގައި އެދިފައިވެއެވެ. އަދި އަރަބިއްޔާ ސްކޫލްގެ މޫނު އަޅާ ދަރިވަރުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭތީ މިކަންކަމުގެ ސަބަބުން ކުދިން ތައުލީމުން ދުރުވެ، ކިޔެވުމަށާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ބުރު އަރަމުންދާތީ މިކަމަށް ހައްލެއް ހޯދުމަށްވެސް އެ މައްސަލައިގައި ހިމަނާފައި ވެއެެވެ.