މިދިޔަ އާދިއްތަ ދުވަހު ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޗައިނާގެ ފަތުރުވެރިއެއް ކަމަށާއި ކ.އަމީންގިރި ރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިންއަށް ދިޔަ ކަމަށް ބެލެވޭ އެ ފަތުރުވެރިޔާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަަށްގެންދާ ސަޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެގޮތުން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން 124600 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާފައިވާ ކަމަށާއި ކަނޑުމަގުން 123 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ކޯސްޓްގާޑްގެ އުޅަނދުފަހަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި ވައިގެ މަގުން 330 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް އެ ފަތުރުވެރިޔާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ވަނީ މީނާއާބެހޭ އެއްވެސް ހަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދިފައެވެ. އަދި އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގު ޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖެ އަންނަ ބައެއް ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވާ މިފަދަ އެތައް ހާދިސާއެއް މީގެ ކުރިން ވެސް ހިނގާފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދިޔަ ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔާ މަރުވެފައިވާއިރު މި ފަދަ ދެ ހާދިސާއެއް މި ދިޔަ މަހުގެ ތެރޭގައިވެސް ވަނީ ހިނގާފައެވެ.

އެގޮތުން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިންއަށް ފޭބި ޔޫކޭގެ ފަތުރުވެރިއަކު މަރުވެފައިވާއިރު އެ މަހުގެ 14 ވަނަ ދުވަހު އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރުނު ޔޫކޭގެ ފަތުރުވެރިއަކުވެސް ވަނީ މަރުވެފައެވެ.