ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުން ކުރާ ތަކެތި ކުޑަކުދިންގެ މަރުކަޒު 'ފިޔަވަތި' އަށް ހަދިޔާ ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ބޭންކުގެ މުވައްޒަފުން، ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިން ބޭނުންކުރާނެ ސާމާނާއި ފޮތް ހަދިޔާކުރުމަށް ވަރަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

މިގޮތުން، ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި، ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސް ގެ އިތުރުން ޕަޒްލް ވެސް ހަދިޔާ ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، ފާއިތުވި އަހަރުގެ ރޯދަ މަހު ބޭންކުގެ މުވައްޒަފުން އިސްނަގައިގެން އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ ' ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި 3 އަހަރުގެ ރޯދަ މަހު ބޭންކުން، އާކް އެއިޑް ޕްރޮގްރާމަށް ވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ.