ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީން، އެ ޕާޓީ އާ އެކު ކޯލިޝަން ހެދުމަށް ފަސް ފަރާތަކަށް ދައުވަތު ފޮނުވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ގާސިމް އިބްރާހީމް ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ދައުވަތު އަރުވާފައި ވަނީ:

  • އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް
  • ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް
  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް
  • ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރަށް
  • ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އަށް

އޭގެ ތެރެއިން އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ނިންމާފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނާއި، އުމަރާއި، މުނައްވަރުގެ އިތުރުން އެމްއެންޕީއެވެ. ނަމަވެސް އޭގެ ތެރެއިން ވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް މިވަގުތަށް ވަނީ ބަންދުވެފައެވެ.

އެމްއާރުއެމަށް ޖޭޕީން ދައުވަތު ފޮނުވާފައިވީ ނަމަވެސް، އެ ޕާޓީން އަދި އިންތިހާބުގައި ވާދަކުރުމާ މެދު ވަކި ގޮތެއް ނުނިންމައެވެ. ޖޭޕީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްއާރުއެމަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުއްވައިފައެވެ.

ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވެފައިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ތެރޭގައި އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނާ އެކުގައެވެ. އެ ފެކްޝަނާ އެކު ޖޭޕީން ވާހަކަތައް ފަށައި، މެނިފެސްޓޯ އެއް އެކުލަވާލުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.