އަތޮޅު ކައުންސިލް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސް ކުރުމުާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައީސް ތައުރީފް ކުރައްވައިފިއެވެ.
ގާސިމް އެކްސްގައި މިރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެމާއްދާތައް އިސްލާހު ކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ގާނޫން އަސާސީއަށް ގެނައި އިސްލާހަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިސްލާހެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން، ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖުރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔާއެއް ނޫންކަން ފާހަގަ ކުރައްވާ ގާސިމް އިތުރަށް ވިދާޅުވީ، ރަށުކައުންސިލްތަކުން ނިންމާނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށުކައުންސިލްތަކުން ދޭންބޭނުންވާ ހިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދުކުޑަވެގެންދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނެ ކަމަށެވެ.
އަދި ހާއްސަ ކޮށް 2023 ގައި މިއަދުގެ ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށުކައުންސިލްތަކުގެ، ނުވަތަ ސިޓީކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅުކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެކޭނެ ޖާގައެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އެހެންކަމުން ގާނޫނުއަސާސީގެ 230 އަދި 231 ވަނަ މާއްދާ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާތަކުން އުނި ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ އެ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވެގެންދިޔައީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުންކަމުގައިވާތީ ޕީއެންސީ ޕާލިމެންޓްރީ ގުރޫޕަށް ނުހަނު އިހުލާސްތެރި މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަން" ގާސިމްގެ ޕޯސްޓުގައި ވެއެވެ.
ގައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ހަރަދުކުޑަކޮށް ގައުމު ކުރިއަށްގެންދިއުމަށް އަޅުއްވާ މިފަދަ ކޮންމެ ފިޔަވަޅަކަށް އަޅުގަނޑާއި ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެކަން ހާމަ ކުރައްވާ ގާސިމް ވަނީ، މި ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާފައެވެ.
އަތޮޅު ކައުންސިލް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްކޮށްފައި ވަނީ މިއަދު 75 މެންބަރުންގެ ވޯޓާއެކުއެވެ. ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހާ މެދު ގޮތް ނިންމީ މުޅި މަޖިލީސް ހިމެނޭ ކޮމިޓީއަކުންނެވެ.
ޝުޖާއު ގެ އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވޭނެ ކަމަށް މަޖިލީހުން ފާސްކުރި ނަމަވެސް، މިހާރު ދެމި އޮތް އަތޮޅު ކައުންސިލްތައް ދައުރު ހަމަވާންދެން ދެމި އޮންނާނެވެ.
އަތޮޅު ކައުންސިލްތައް އުވާލާ އިރު ލާމަރުކަޒީ ނިޒާމުގެ ދަށުން އުފެދިފައި ވާ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް ބަދަލު ގެންނަން މަޖިލީހަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން، ކައުންސިލަރުންގެ އަދަދަށް ބަދަލު ގެނައުމަކީ އެ އިސްލާހުގައި ފާހަގަ ކުރެވޭ މުހިންމު އެއް ބަދަލެވެ.
