ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޗައިނާގެ ފަތުރުވެރިއެއް ކަމަށާއި އޭނާ ގެއްލިފައިވަނީ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ ރިސޯޓުން އިއްޔެ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަމަށެވެ.

ގެއްލުނު ފަތުރުވެރިޔާ ހޯދަން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ރާއްޖެ އަންނަ ބައެއް ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވާ މިފަދަ އެތައް ހާދިސާއެއް މީގެ ކުރިން ވެސް ހިނގާފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދިޔަ ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔާ މަރުވެފައިވާއިރު މި ފަދަ ދެ ހާދިސާއެއް މި ދިޔަ މަހުގެ ތެރޭގައިވެސް ވަނީ ހިނގާފައެވެ.

އެގޮތުން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިންއަށް ފޭބި ޔޫކޭގެ ފަތުރުވެރިއަކު މަރުވެފައިވާއިރު އެ މަހުގެ 14 ވަނަ ދުވަހު އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރުނު ޔޫކޭގެ ފަތުރުވެރިއަކުވެސް ވަނީ މަރުވެފައެވެ.