ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް ހުށަހެޅުމަށް ފަހު، މެންބަރުން ސުވާލު އަނބުރާ ގެންދަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި މި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހޯމް އެފެއާޒް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުމަށް ތާވަލު ކޮށްފައި ވަނިކޮށް، މޮސްޓާ ސުވާލު އަބުރާ ގެންދެވުމާ ގުޅިގެންނެވެ.

މިއަދު އެޖެންޑާ އިއުލާނު ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ޔޯގާ މައްސަލައާ ގުޅިގެން މޮސްޓާ ހުށަހެޅުއްވި ސުވާލު ރޭގެ ވަގުތެއްގައި އޭނާ އަނބުރާ ގެންދަވާފައި ވާކަމަށެވެ. މީގެ ކުރިންވެސް ވަޒީރަކާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައި ސުވާލު ކުރައްވަން ވީ ވަގުތު ކައިރިވުމުން ސުވާލު އަނބުރާ ގެންދެވުމަކީ މޮސްޓާ ކުރައްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެފަދައިން މެންބަރުން ކަންކުރެއްވުމުން އެހެން މެންބަރުންނަށް ފުރުސަތު ގެއްލޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް ވަޒީރުންނާ ސުވާލު ކުރެއްވުމަށް ގިނަ އަދަދެއްގެ މެންބަރުން ހުށަހަޅުއްވާފައި ވާ ކަމަށެވެ. އެގޮތުން ވަޒީރުންނާ ސުވާލުކުރެއްވުމަށް މިހާރުވެސް 20 ސުވާލެއް ކިއުގައި އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު ވަނީ މިފަދަ ހާލަތުގައި މަޖިލީހުގައި އަމަލުކުރާނެ އުސޫލަކާމެދު މެންބަރުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.