ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ހައުސިން ޔުނިޓްގެ މަސައްކަތް ކުރާ ޖޭއެމްސީ މުވައްޒަފުންނަށް ހަޅުތާލު ކުރުމަށްފަހު އަނބުރާ މަސައްކަތަށް ނުކުމެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީއިން ބުނީ އެ ކޯޕަރޭޝަންގެ ހައުސިން މަޝްރޫއެއް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރެއްގެ މުވައްޒަފުންގެ ޝަކުވާތަކުގެ ސަބަބުން މަޝްރޫއުގެ މަސައްކަތް މާޗް 25ގައި މެދުކެނޑުމަށް ފަހު މާޗު 31ގައި މަސައްކަތް އަލުން ފަށާފައިވާކަމުގައެވެ. އަދި މިކަމާގުޅޭ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބުނު ވަގުތުން ފެށިގެން މުވައްޒަފުންނާއި ކޮންްޓްރެކްޓަރާއި ދެމެދު ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް އެދި ކޮންޓްރެކްޓަރަށް ބާރުއަޅާމުނދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިހާރު ހުރިހާކަމެއް ހައްލު ކުރެވިފައިވާކަމަށް ކޮންޓްރެކްޓަރު މައުލޫމާތު ދީފައިވާކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ މުވައްޒަފުން އެދިފައިވާކަންކަމަށް ރިއާޔަތްކޮށް އެކަންކަން ހަމަޖައްސައި ދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށް ކޮްންޓްރެކްޓަރު ބުނެފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ވަރަށް ގާތުން މިކަން ބަލަމުންދާ ކަމުގައެވެ.

އެ ކޯޕަރޭޝަނުން ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންގެންދާކަމަށް ޔަގީންކަން އެފްޑީސީއިން ދީފައިވާއިރު އެއްބަސްވުމުގެ ދަށުން މަޝްރޫއު ހިންގުމަށްޓަކައި އެ ކޯޕަރޭޝަނުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޖޭއެމްސީގެ މުވައްޒަފުން މުޒާހަރާކޮށްފައިވަނީ އެ މީހުންނަށް މުސާރަ ނުދިނުމުގެ އިތުރުން ދުވާލަކު 12 ގަޑިއިރު މަސައްކަތް ކުރުވުމާއި ރަނގަޅު ކާނާ ނުދޭކަމަށް ބުނެއެވެ.