ހިލްޓަން އިންޓަނޭޝަނަލް އަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ސަން ސިޔާމް ގެ ކުންފުނި، ސަން ޓްރެވަލްސްގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް މިއަދު ހައި ކޯޓުން ނެރެފިއެވެ.

އެ ހުކުމަކީ ފެބްރުއަރީ 27، 2009 ވަނަ އަހަރު ސަން ޓްރެވަލްސް އިން ހިލްޓަން އާއެކު، ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފައިވާ ހުކުމެކެވެ. އަދި އެ ހުކުމުގައި ސިޔާމް ކުންފުނިން، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ނަގައިދިނުމަށް އެ އަމުރުކޮށްފައި ވެއެވެ.

ނަމަވެސް އެ ފައިސާ ސިޔާމް ކުންފުނިން ނުދައްކާތީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް ހިލްޓަން އިން ރާއްޖޭގެ ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެގޮތުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށާޢި އެހެންކަމުން ބާކީ ދައްކަން ޖެހޭ ފައިސާ އަދި ޖޫރިމަނާއަށް އަރަމުން އަންނަ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

އެ މައްސަލަ ސަން ޓްރެވަލްސްއިން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރެއް ނުނެރެއްޖެނަމަ ސަން ކުންފުނީގެ މަސްލަހަތަށް އުނިކަން އަންނާނެކަމަށް ބުރަވަވޭ ކަމަށެވެ.

މި ހުކުމަށް އިއުތިރާޒު ކޮށް ސަން ޓްރެވެލް ކުންފުނިން މީގެ ބުނީ ހިލްޓަނުން އެއްބަސްވުުން ގާއިމްކުރީ ރާއްޖޭގެ ޕަބްލިކް ޕޮލިސީއާ ހިލާފަށް ކަމަށެވެ. ސަން ޓްރެވަލްސް އިން މިހެން ބުނި ނަމަވެސް އެކަން ސާބިތުކުރެވޭނެ ގާނޫނީ ސަބަބެއް އެ ކުންފުންޏަކަށް ކިޔައިދެވިފައި ނުވާކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

ސަން ޓްރެވަލްސް އަކީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިން ސިޔާމް ގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން ސަން ޓްރެވަލްސްގެ އެކައުންޓްތައް ވެސް ފްރީޒް ކުރިއެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ 2017 ވަނަ އަހަރު ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.