ށ. ފުނަދޫއަކީ މީގެ އެތައް އަހަރުތަކެއް ކުރިންވެސް މީހުން ދިރިއުޅެފައިވާ، ރަށެކެވެ. މީގެ 280 އަހަރު ކުރިން މީހުން ދިރިއުޅެފައިވީ ނަމަވެސް އެރަށް ފަޅުވެފައި އޮންނަތާ އެތައް އަހަރުތަކެއް ފަހުން އަނެއްކާވެސް އެރަށުގައި މީހުން އާބާދުވެފައި ވަނީ ސަރުކާރުން އެއްފަސްކުރުމަށް ހިންގި ޕްރޮގަރާމަށް ފަހުއެވެ. އެ ގޮތުން އިބްރާހިމް ނާސިރުގެ ދައުރުގައި އެއް ރަށުން މީހުން ބަދަލުކޮށްފައިވާ އިރު، ދެން ރަށްރަށުން މީހުން ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައެވެ. އެހެންކަމުން މިހާރު އެ ރަށުގައި 9 ރަށެއްގެ މީހުން އާބާދުވެގެން ދިރިއުޅެމުން އަންނަ ކަމަށް ށ. ފުނަދޫ ކައުންސިލުން ބުނެއެވެ.
1960ގެ އަހަރުތަކުގައި އެރަށަށް މީހުން ބަދަލު ކުރަން ފެށިއިރު، އެ ރަށް އޮތީ އޭރު ފަޅަށެވެ. ނަމަވެސް މީގެ 280 އަހަރު ކުރިން ވެސް އެ ރަށުގައި މީހުން ދިރިއުޅެފައިވާ ކަމަށް ތާރީހީ ހެކިތަކުން ފެންނަން އެބަހުއްޓެވެ. އެގޮތުން ފުނަދޫގެ ޒިޔާރަތް ހުރި ސަރަހައްދު ގައި ހުރި ދެ މަހާނަ ގަލަކުން މީގެ ސާފުހެކި ފެންނަން އެބަ ހުއްޓެވެ. އެއް މަހާނަ ގަލެއްގައި އޮތް ތާރީހަކީ 07/11/1150 ހ. އެވެ. މީލާދީ ސަނަތުން އެއީ ފެބްރުއަރީ 26، 1738 އެވެ. އެގަލުގައި ލިޔެފައި ވަނީ "ފުނަދޫ މާމުލީ ކަލޭގެ ދި އާމިނާ ނިޔާވިކަމުގެ ހަނދާން" މިހެންނެވެ. އަނެއް ގަލުގައި އޮތް ތާރީހަކީ ޖުމާދިލްއާހިރާ 17، 1237 އެވެ. މީލާދީ ސަނަތުން އެއީ މާޗް 11، 1822 އެވެ. މިގަލުގައި ލިޔެފައި ވަނީ "ފުނަދޫ މަރުދުރުގެ ފުތް އިބްރާހީމް ނިޔާވި ކަމުގެ ހަނދާން" މިހެންނެވެ.
މަހާނަ ގާ ތަކުގައިވާ ލިޔުމަށް ބަލާ އިރު، ޒަމާނުއްސުރެ އެ ރަށުގެ ނަމަކީ ފުނަދޫ ކަން އެނގެން އޮވެއެވެ. "ފަރުކޮޅުފުނަދޫ" ގެ ނަމުން އެ ރަށަށް ނަން ކިޔާފައި ވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި ރަށްތައް ދަފްތަރު ކުރެއްވި ހިސާބުންނެވެ. އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުނަދޫ ކިޔާ އިތުރު ރަށްތައް ހުރުމުން ރަށުގެ ނަން ކިޔާ އިރު، އެއް ރަށް އަނެއް ރަށާ އަރާ އޮޅުން ކުޑަ ކުރުމަށެވެ. ނަމަވެސް މާޗް 12، 1995 ގައި އެ ރަށުގެ ނަން ވަނީ "ފުނަދޫ" އަށް ބަދަލު ކޮށްފައެވެ. މި ބަދަލު ގެނައީ ފަރުކޮޅާއި ފުނަދޫ ޖެހިޖެހިގެން އޮތަސް އަތޮޅު މީހުން ދެ ރަށުގެ ނަން އާންމުކޮށް ކިޔައި އުޅެނީ ވަކިން ކަމަށް ވާތީ ކަމުގައި ރައީސް އޮފީހުން އޭރު ބުނެފައި ވެއެވެ.
ފަގީރު ކަމާއެކު ޖެހުނު ބަލިމަޑުކަމެއްގައި ރަށް ފަޅުވެގެން ދިޔަ ގޮތް!
އެ ރަށުގެ ބޮޑުކަތީބު ކަން ކުރެއްވި އަހްމަދު ނަސީމް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާގެ ބައްޕަ އެ ރަށުގައި ކުޑަކަތީބު ކަން ކުރެއްވި އިރު، ފަސް މިސްކިތުގެ ތަރަހަ ގަނޑު ފެނިފައިވާ ކަމަށެވެ. 5 މިސްކިތުގެ ތަރަހަ ފެނުމަކީ ރަށުގެ އާބާދީގެ ބޮޑުކަން ފެންނަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ބައެއް އެވޭލާ ލިޔުންތަކުން އެނގެން އޮތް ގޮތުގައި ފުނަދޫ ފަޅުވުމުގެ ކުރިން 2000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަށެއް ފަޅު ވެގެން ދިއުމުގައި އެކި ކަހަލަ ވާހަކަތައް މީހުން ދައްކާ އުޅެއެވެ. އެގޮތުން ޖިންނި ޝައިތޯނުންގެ އުނދަގޫ ޖެހި ރަށް ނާމާން ވެގެން ވެސް ބައެއް ރަށްރަށް ފަޅުވެގެން ދިޔަ ވާހަކަތައް ދެކެވެއެވެ. ނަމަވެސް ފުނަދޫ ފަޅުވީ އެ ފަދަ ސަބަބަކާ ހުރެ ކަމަށް ދެކެވޭ އެއްވެސް ވާހަކައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ރަށް ފަޅުވީ ވިދިވިދިގެން 2 އަހާރި 3 އަހަރާ ދެމެދު ގޮވާން ނުލިބި ކާބޯތަކެއްޗަށް ދަތިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ރަށަށް އައި ފަގީރު ކަމުގެ ސަބަބުން ކާބޯތަކެތި ލިބުމުގައި ދަތިކަން ދިމާވުމުން ބަލިމަޑުކަމާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ މުނިކާފަގެ ލިޔުމުގައި ހުރި ވާހަކަތަކެއް ހިއްސާ ކުރަމުން އޭނާ ވިދާޅުވީ، އެ ރަށުގައި ހައިޟާ އެއް އުފެދުނު ކަމަށެވެ. ހައިޟާއަކީ ލެޔާއެކު ލޮންޖާ އެކު ބޭރަށް ހިންގުން ކަމަށް އޭނާ ވިދާޅުވިއެވެ. ދެން އެބަލީގައި މީހުންތައް މަރުވަމުން މަރުވަމުން ގޮސް ރަށުގެ އާބަދީ ވަރަށް މަދުވި ކަމަށާއި އެ އާއިލާތައް ކައިރީ ރަށްރަށަށް ހިޖުރަ ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހިސާބުން ފެށިގެން އެ ރަށް 150 އަހަރުވަންދެން ފަޅުވެފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ފުނަދޫއަށް މީހުން ބަދަލުކުރީ ނާސިރު ދައުރުގައި، ބޮމަސްދޫ މީހުން!
ފުނަދޫގައި މީގެ އެތައް އަހަރުތަކެއް ކުރިން މީހުން ދިރިއުޅުނު ކަމުގެ ހެކިތައް ހުރި ކަމުގައި ވިޔަސް އެރަށް ވަނީ ފަޅުވެފައެވެ. ފަޅުކޮށް އޮއްވާ އެންމެ ފުރަތަމަ އެރަށަށް މީހުން ބަދަލުވި ތާރީހެއް ކަމަށް އެންގެން އޮންނަ ތާރީހަކީ ޖެނުއަރީ 1، 1968 އެވެ. އޭރު ށ. ޅައިމަގުގައި ހުރި އަތޮޅު އޮފީސް އެރަށަށް ބަދަލު ބަދަލު ކުރިއެވެ. އެގޮތުން މާޗް 3، 1970 އިން ފެށިގެން ނ. ބޮމަސްދޫއިން 36 ގޭގެ 180 މީހުން އެރަށަށް ހިޖްރަކޮށްފައި ވެއެވެ. ބޮމަސްދޫ މީހުން ފުނަދޫއަށް ބަދަލުވެ ނިމިފައި ވަނީ 1973 ވަނަ އަހަރުގެ ތެރޭގައެވެ.
ބޮމަސްދޫން ފުނަދޫއަށް ބަދަލުވި އާއިލާއެއްގައި ހުރި އުމުރުން 60 އަހަރުގެ ފާތުމަތު އަލީ ބުނީ، އަތޮޅު އޮފީސް އެރަށަށް ބަދަލު ކުރި އިރު އޭނާގެ ބައްޕަ ފުނަދޫއަށް ދިޔަ ކަމަށާއި އެއަށް ފަހު އެ ރަށުގައި އެމީހުން ދިރިއުޅޭ ގެ އެޅުމުން އާއިލާ އެކޮޅަށް ބަދަލުވި ކަމަށެވެ. އޭނާ އެރަށަށް ބަދަލުވީ 1970 ވަނަ އަހަރުގައި ކަމަށާއި އޭރު އާނާގެ އުމަރަކީ 7 އަހަރު ކަމަށް ފާތުމަތު ބުނެއެވެ.
ނާސިރު ވެރިކަމުގައި 40 މީހުން ހަމަނުވާ ރަށްރަށުން މީހުން ބަދަލު ކުރާ އުސޫލުން ބޮމަސްދޫން ވެސް މީހުން ބަދަލު ކުރީ އެ ރަށުގެ އާބާދީ 40 އަށް ވުރެ މަދުވުމުން ކަމަށް ބައެއް މީހުން ބުނެ އުޅުނު ނަމަވެސް އެކަމާ ބައެއް މީހުން ދެކޮޅު ހަދައެވެ. އެގޮތުން ބޮމަސްދޫން އެރަށަށް ބަދަލުވި މީހުންގެ ތެރެއިން މިހާރު 67 އަހަރުވެފައިވާ ހުސެން ކޮއެ، އޭނާގެ ހަނދާންތައް ހިއްސާ ކުރަމުން ބުނީ، އޭނާ އެރަށަށް ބަދަލުވި އިރު އުމުރަކީ 15 އަހަރު ކަމަށެވެ.
ބޮމަސްދޫ މީހުންނަކީ ކަނޑުމަހުން ކައިގެން އުޅޭ ބައެއް ކަމަށާއި ނާސިރު ދައުރުގައި މަސްވެރިކަމުން ރަނގަޅު ނަފާއެއް ނުލިބި ވަރަށް ބޮޑަށް ދަތިވެގެން ދިޔަ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން އެމީހުން އޭރު ބޭނުންވީ އެހެންގޮތެއް އޮތްތޯ ބަލަން ކަމަށާއި، ދަނޑުވެރިކަން ވެސް ކުރެވޭ ގޮތަށް ބިން ބޮޑު ރަށަކަށް ބަދަލުވާން ބޭނުންވެފައި ތިބުމާއެކު އެ ރަށަށް މީހުން އާބާދުކުރަން ސަރުކާރުން ބޭނުންވެފައި އޮތް ކަން އެނގުމުން ބޮމަސްދޫން އިސް ބަޔަކު ސިޓީ ލައިގެން އެ ރަށަށް ބަދަލުވާން އެދުނީ ކަމަށް އޭނާ ބުނެއެވެ.
އޭނާ ބުނާ ގޮތުގައި ފުނަދޫއަށް އެންމެ ފުރަތަމަ ބަދަލުވީ ބޮމަސްދޫ މީހުންނެވެ. އޭގެ ފަހުން އެހެން ރަށްރަށުގެ މީހުން ބަދަލުކޮށް މިހާރު ރަށް ވަނީއެކީ ފުރިފައި ކަމަށެވެ. ކުރިން ދަނޑުގޮވާން ހައްދާހާ ބިން އޮތްކަމުގައި ވިޔަސް މިހާރު ދަނޑުވެރިކަން ކުރަން ހުސްބިމެއް ނެތް ކަމަށާއި ދަނޑުވެރިކަން ކުރާ ބަޔަކު މިހާރު އެކަން ކޮށް އުޅެނީ އެބައެއްގެ ގޯތީގައި ކަމަށް އޭނާ ބުނެއެވެ.
ށ. ފިރުނބައިދޫން 781 މީހުން ފުނަދޫއަށް ބަދަލުވި ވާހަކަ!
ސަރުކާރުން ހިންގި އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ށ. އަތޮޅުގެ ބައެއް ރަށްރަށުން ފުނަދު އަށް މީހުން ބަދަލުކޮށްފަިއވާ އިރު، ށ. ފިރުނބައިދޫން މީހުން ބަދަލުވެފައި ވަނީ 1998 ގައެވެ. އޭރު ދެ ތިން އަހަރު ތެރޭ އެކި ފިޔަވަހިތަކަށް ބަހާލައިގެން ފިރުނބައިދޫ ހުރިހާ މީހުން އެރަށް ބަދަލު ކުރި އިރު، 2004 ވަނަ އަހަރު އެންމެ ފަހު ފިޔަވައްސާ އެކު ޖުމްލަ 781 މީހުން ވަނީ ފުނަދޫއަށް ބަދަލު ކޮށްފައެވެ. އެގޮތުން މިހާރު ފިރުނބައިދޫ އަކީ ފަޅު ރަށެވެ.
ފިރުނބައިދޫން އެރަށް ބަދަލުވި މީހުންގެ ތެރޭގައި ކުޑަކަތީބު ނަސީމަކީ ވެސް އެކަކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށަށް މީހުން ބަދަލުވާން ޖެހުނު ސަބަބަކީ އެ ރަށުގެ ފެން ލޮނު ވުމާއި، އެރަށުގެ ބިމުގެ ދަތިކަމުގެ ސަބަބުން މީހުންނަށް ގޯތި ދޭނެ ޖާގަ ނެތުމެވެ. ހަމައެއާއެކު ފިރުނބައިދޫ ވަނީ އޭރު ވަރަށް ބޮޑަށް ގިރާފައި ކަމަށާއި އެ ރަށަކީ ގާމަތީ ރަށެއް ކަމުން އެ ރަށް ހިއްކައިގެން ބޮޑުކުރެވެން ނެތުމަކީ ވެސް އެ ރަށުން މީހުން ބަދަލު ކުރަން ޖެހުނު ސަބަބެކެވެ.
ފިރުނބައިދޫން މީހުން ބަދަލުވުމަށް އެދި ސަރުކާރަށް އެ ހުށަހެޅުން ހިއްސާ ކުރުމުން ސަރުކާރުން ލަފާ ދިނީ ގެ ގޮތެކެވެ. އެއްގޮތަކީ މީހުން ދިރިއުޅޭ ރަށަކަށް ބަދަލުވުމެވެ. އޭރުން ސަރުކާރުން ދޭ އިނާޔަތްތައް ލިބޭނެ ކަމެވެ. ދެވަނަ ގޮތަކީ ފަޅުރަކަށަށް ބަދަލުވުމެވެ. އެ ގޮތަށް ބަދަލުވެއްޖެ ނަމަ ސަރުކާރުން ދޭ އިނާޔަތްތައް ނުލިބޭނެތީ ފުނަދޫއަށް ބަދަލުވާން ނިންމިއެވެ.
ނޫމާރާއިން ހިޖުރަ ކުރި މީހުންގެ ދިރިއުޅުމަށް އުފާވެރިކަން!
2006 ވަނަ އަހަރު ފުނަދޫއަށް ބަދަލުވި، ށ. ނޫމަރާ އާދަމް ބުނީ، އެމީހުން ފުނަދޫއަށް ބަދަލުވީ، ގިނަ ސަބަބުތަކަކާ ހުރެ ކަމަށެވެ. އެގޮތުން ރަށަށް ލަފާ ފުރުމުގެ ދަތިކަމާއި، ކުދިންނަށް ތައުލީމް ދިނުމަށާއި ސިއްހީ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ފުނަދޫއަށް ބަދަލުވީ ކަމަށެވެ. ގާތްގަނޑަކަށް 271 އެއްހާ އެއް ހާ މީހުން ނޫމަރާއިން ފުނަދޫއަށް ބަދަލުވި އިރު، އެ ރަށުން ބަދަލުވި މީހުންނަކީ ވެސް ސަރުކާރުން ހިންގި އެއްފަސްކުރުމުގެ ޕްރޮގްރާމްގެ ދަށުން ބަދަލު ކުރި މީހުންނެވެ.
އާދަމް ބުނި ގޮތުގައި، ނޫމަރާއިން ނުލިބޭ ހިދުމަތްތައް ލިބެމުންދާތީ ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަނެވުނު ކަމަށެވެ. ފުނަދޫއަށް އެ ރަށުން ބަދަލުވި އެންމެންގެ ދިރިއުޅުމަށް ވެސް ތަރައްގީގެ ކުލަތައް ޖެހިގެން ދިޔަ ކަމަށެވެ.
ނޫމަރާގައި ދިރިއުޅުނު ދުވަސްތަކުގެ ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނީ، ނޫމަރާގައި އުޅުނު އިރު ކިތަންމެ ކުޑަ ބައްޔެއް ވިޔަސް ސިއްހީ ހިދުމަތް ހޯދުމަށް ދާން ޖެހެނީ ހދ. ކުޅުދުއްފުއްޓަށް ކަމަށެވެ. ލަފާ ފުރުމުގެ ދަތިތައް ހުރި ނޫމަރާ ފަޅު ތެރެއަކީ ވަރަށް ގަދަ ތަނެއް ކަމުން ބިރުވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުރި ކަމަށެވެ. އެހެންކަމުން ފުނަދޫއަށް ބަދަލުވި ހިސާބުން ސިއްހީ ފަރުވާ ހޯދަން އެހެން ރަށަކަށް ދާން ނުޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އެނާ ސިފަ ކުރެއެވެ.
ފުނަދޫ އާބާދުވިތާ 53 އަހަރު، ތަރައްގީގެ އަސްލު އެއްބައިވަންތަކަން!
ބޮމަސްދޫން 180 މީހުން، ނޫމަރާއިން 271 މީހުން، ފިރުނބައިދޫން 781 މީހުން ފުނަދޫއަށް ހިޖުރަ ކުރި އިރު، 2004 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މާކަނޑޫދޫން 130 މީހުން ވަނީ ފުނަދޫއަށް ހިޖުރަ ކޮށްފައެވެ. އަދި 2009 ވަނަ އަހަރު މާއުނގޫދޫން 42 މީހުންނާއި، ކޮމަންޑޫ 18 މީހުންނާއި، މަރޮށިން 8 މީހުން އަދި ފޭދޫން 6 މީހުންނާއި ޅައިމަގުން 5 މީހުން އެރަށަށް ވަނީ ބަދަލު ވެފައެވެ.
91 ހެކްޓަރުގެ ށ. ފުނަދޫގެ އާބާދީއަށް ބަލާއިރު ޖުމްލަ 2700 އެއްހާ މީހުން އުޅޭ އެރަށުގައި 9 ރަށެއްގެ މީހުން އާބާދުވެގެން ދިރިއުޅެމުން އަންނަ އިރު، އަޑު އަހާ މީހަކަށް އެއްބައިވަންތަ ކަމާއި އޯގާތެރިކަމާއި، އެކުވެރިކަން ދެމެހެއްޓުމުގައި ގޮންޖެހުންތަކެއް ފެންނާނެ ކަމަށް ހީކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކި ރަށްރަށުން އައިސް ދިރިއުޅޭ އެތައް ބަޔަކު އުޅޭ އިރު، ބައިބައިވުން ފެނިގެންދާނެ ކަމަށް ބެލެވުނަސް އެ ރަށުން ފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ.
ފުނަދޫގައި މީހުން އާބާދުވާން ފެށިތާ 53 އަހަރު ވެއްޖެއެވެ. ރަށަށް އައިސްފައިވާ ތަރައްގީއަށް ބަލާއިރު، ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ފައިވާކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން އެ ރަށަކީ ބޭންކްގެ ހިދުމަތް ލިބޭ، ޕްރީ ސްކޫލުން ފެށިގެން ހަޔާ ސެކަންޑަރީ ފެންވަރަށް ތައުލީމް ހިދުމަތް ފޯރުކޮށް ދޭ ރަށެކެވެ. ސިއްހީ ހިދުމަތް ފޯރުކޮށް ދޭ އަތޮޅު ހޮސްޕިޓަލެއް ހުރި އިރު އެރަށުގެ 3 ފާމަސީއެއް ހުރެއެވެ. 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ އިރު، ނަރުދަމާގެ ނިޒާމު ގާއިމްކޮށް، ކުނި ނައްތާލުމުގެ ނިޒާމު ވެސް ވަނީ ގާއިމް ކޮށްފައެވެ. މިހާރު ރަށުގައި ކުރާ ތަރައްގީގެ މަސައްކަތްތަކަށް ބަލާއިރު، ސާފު ބޯފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރަށުގައި އާންމު ވިޔަފާރި ކުރާ ތަންތަން 50 އަށް ގާތް ކުރާނެ ކަމަށް ބެލެވޭ އިރު، ހޮޓާ ކެފޭ ރެސްޓޯރަންޓްގެ ހިދުމަތް ދޭ ތިންް ތަނަކާއި ތެލާއި ގޭހުގެ ވިޔަފާރި ކުރާ ދެ ތަނެއް ހުރެއެވެ. އެ ރަށުގައި މިހާރު 3 މިސްކިތް ހުންނަ އިރު، ކުޑަކުދިންގެ ޕާކަކާއި، ދެ ފުޓުބޯޅަ ދަނޑު ހުރެއެވެ. މީގެ އިތުރުން އެ ރަށުގައި އެއާޕޯޓެއް އަޅައި ހިދުމަތް ދެމުން އަންނަ އިރު، އެ ރަށުގައި ހުޅުވާފައިވާ އަމާންވެށި ޗައިލްޑް ސާވިސް ސެންޓަރަކީ ވެސް ފާހަގަކޮށްލެވޭ ތަންތަނެވެ.
އެ ރަށުގައި ދިރިއުޅެމުން އަންނަ މީހުން ބުނާ ގޮތުގައި، ކޮންމެ ރަށެއް ވެސް ކޮންމެ ތަނެއް ވެސް ކުރިއަރައިގެން ތަރައްގީ ވެގެން ދާނީ، އެ ރަށެއްގައި އިސްކޮށް ތިބޭ ބައެއް ހިތްވަރާ އެކު ކުރާ ބުރަ މަސައްކަތްތަކުންނެވެ. އެއިރަކު އޮތް ސަރުކާރަކާ ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ ކުރިއަރައިގެން ނުދާނެ ކަމަށާއި ފުނަދޫއަށް ތަރައްގީގެ ކުލަތައް ޖެހިގެން އައިސްފައި ވަނީ އެ ގޮތަށް މަސައްކަތް ކޮށްގެން ކަމަށް އެ ރަށު މީހުން ބުނެއެވެ.
ހަމައެއާއެކު އެއްބައިވަންތަކަމާއި އެކުވެރި ކަމާއެކު މުޅި މުޖުތަމައު އަތް ގުޅާލައިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާ ނަމަ ކާމިޔާބީ ފެންނާނެ ކަމަށް ވެސް އެ ރަށު މީހުން ގަބޫލު ކުރެއެވެ. ތަފާތު ކުރުން އެއް ފަރާތްކޮށް އެއްބައެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދާނަމަ ނަތީޖާ ރަނގަޅު ވާނެ ކަމަށް އެ ރަށު މީހުން ބުނެއެވެ.
ރަށެއްގެ ތަރައްގީ އާއި ރަށެއް ކުރިއެރުވުމަށް ރަށެއްގައި ދިރިއުޅޭ މީހުންގެ ހިއްސާ ބޮޑުކަމަކީ ފުނަދޫން ސާބިތުކޮށްދޭ ހެއްކެކެވެ. ތަފާތު އެކި ރަށްރަށުގެ މީހުން އުޅޭ އިރު، ސީޔާސީ ގޮތުން ވެސް ހިޔާލު ތަފާތުވެ މައްސަލަތައް ވެސް ދިމާވާނެ ކަމަށް ގަބޫލު ކޮށްގެން އެންމެންގެ މަސްލަހަތަށް އިސްކަންދީގެން އެ ރަށުން ދައްކައިދެމުން ދަނީ ދިވެހިން ފަހުރުވެރިވާން ޖެހޭ ވަރުގެ ނަމޫނާ މިސާލެކެވެ.
ކުޑަކުދިންގެ ޕާކާއި ފުޓްބޯޅަދަނޑު ހުރެއެކޭ ނުބުނާނެ. ބުނާނީ، ކުޑަކުދިންގެ ޕާކާއި ފުޓްބޯޅަދަނޑު އޮވެޔޭ. ރައީސް ނާޞިރުގެ ވެރިކަމުގައި މީހުން ބަދަލުކުރީ ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ރަށްރަށުން. 40 މީހުން ހަމަނުވާ ރަށްރަށަކުން ނޫން. އޭރު ހުކުރުގެ ޖަމާޢަތް ހަމަކުރުމުގައި ބަލަނީ ހުކުރު ކުރެވޭނީ 40 މީހުން ހަމަވީމައި ކަމަށް. އެހެންވީމައި އެކިއެކި ބޭނުންތަކުގައި މާލެއަށާއި ރަށުން ބޭރު އެހެން ތަންތަނަށް އަބަދުވެސް މީހުން ގޮސް، ހުކުރަށް ރަށަށް ނާދެވޭގޮތަށް ކޮންމެވެސް ބަޔަކު އުޅެފާނެކަމަށް ބަލައިގެން ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރައްވާ ގޮތަށް ހަމަޖެއްސެވީ.
ފުނަދޫ އަވަށު ގިނަ ފިރިހެނުންނަކީ ވަރަށް ތާކުންތާކު ނުޖެހޭ ބައެއް. އެކަމް ވަރަށް އަޑު ގަދަ ވާނެ. އެކަން އެނގޭނެ ސަރުކާރު ވަޒީފާ ތަކަށް ބަލާލިޔަސް. ގިނަވާނީ އެހެން ރަށްރަށު މީހުން. ކިޔަވާ ބައެއް ނޫން ވިއްޔަ.
ޕީޕީއެމް ސަޕޯޓަރުންނަށް މި ލިޔުން ކަމުނުދިއުމަކީ އެކަށީގެން ވާ ކަމެއް. ތަރައްގީއަށް ވުރެ ޔާމީން ދޫކޮށްލެވޭތޯ ވިއްޔާ އެ އުޅެނީ
ބައެއް މީހުންނަށް ރަނގަޅު ވާހަކައެއް ދެއްކިއަސް ކަމަކު ނުދާނެ
ޝާޒްލީން އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް. މި ރަށަށް އައި ދަތުރުގަ ދިމާވި މަޖާ އެކުވެރި ނޫސްވެރިއެއް. އަދި ޗުއްޓީއެއްގަ އަންނާނެ ކަމަށް ހީކުރަން
ވަރަށް ފުރިހަމަ އާޓިކަލްއެއް. މޮޅު ލިޔުމެެއް. އަސްލު އެކި ރަށްރަށު މީހުން އުޅޭ ރަށްރަށުގެ ތެރެއިން ފުނަދޫ ތަރައްގީ ކުލަ ޖެހުނު މުއްދަތު ތެރޭ ވަރަށް ތަރައްގީ އައިއްސި. ބައެއް މީހުންނަށް ހަޖަމް ނުވާނެ މި ކަހަލަ ވާހަކަ ދެއްކީމަ.
ޢާއިޝަތު ޝާޒްލީން އަށް ކާކުތޯ މައުލޫމާތު ދީފަ މިވަނީ އަހާލަން ވަރަށް ބޭނުންވޭ.. ތިހެންއައިސް 02 ދުވަހު ހުރެލާއިރަށް މިރަށެއް ނޭނގޭނެ
ތިބުނި ބަހުން ހީވާ ކަހަލަ އެއްބައިވަންތަ ކަމެއް ނެތް ރަށެކޭ
މައުލޫމާތު ދިން މީހުންގެ ނަން ޖަހާފަ ދޯ އެ ހުރީ
ތިހެންވީޔާ ޔޫކްރޭނާ ރަޝިޔާ އާވެސް އެއްބައިވަންތަ