ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މައުސޫމް ނިންމަވައިފިއެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިގޮތުން ރައީސް ސޯލިހަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އެ ޓްވީޓާއެކު މައުސޫމް ވަނީ ރައީސް ސޯލިހާއެކު ނަންގަވާފައިވާ ފޮޓޯއެއްވެސް ހިިއްސާ ކުރައްވާފައެވެ.
ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ރައީސަށް ތާއީދުކުރައްވަން ނިންމެވިކަން މައުސޫމް ހާމަކުރައްވާފައި ވާއިރު މިހާރު އޮތް ކޯލިޝަނާ ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައި، އެ ޕާޓީގެ ފަރާތުން ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވުމާ ގުޅިގެން އެޕާޓީގެ ގިނަ މެންބަރުން އަންނަނީ ޕާޓީން ވަކިވަމުންނެވެ. ޑރ އަބްދުﷲ މައުސޫމަކީވެސް ޖެމްހޫރީ ޕާޓީގެ މެންބަރެކެވެ.
މިގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލުންނާއި އެ ޕާޓީގެ މެންބަރުކަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަކިވެ ވަޑައިގެންފައި ވާއިރު އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.
އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް ވާދަކުރައްވާއިރު، އެމަނިކުފާނާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއެވެ.