ރޭ ފަތިހުން ފެށިގެން ވެރި ރަށް މާލެ އަށް ކުރި ބޯ ވިއްސާރާގައި މަގުތަކުގައި ފެން ބޮޑުވެ، ގެތަކަށް ގެއްލުން ލިބި 3 ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮޓޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ، ގޭގެ އަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު ލިބުމާއެކު އެމެޖެންސީ އޮޕަރޭޝަންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ގެ ތަކުގެ ހާލަތު އޮޅުންފިލުވާ ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ އޮތޯރިޓީއަށް މިހާތަނަށް ރިޕޯޓު ލިބިފައިވަނީ ފެންބޮޑުވެ، ގޭތެރެއަށް ނަޖިސް ބޭރުވެފައިވާ ކަމުގެ ރިޕޯޓާއި ފަރުނީޗަރުގެ އިތުރުން ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓެވެ.

މީގެ އިތުރުންވެސް ފެންބޮޑުވާ ސަރަހައްދު ތަކުގައި ވެލި ބަސްތާ ޖެހުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލަށް އެ މައުލޫމާތު ފޯރު ކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި ފެންބޮޑުވާ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާ ގޯނި މާލެ ސިޓީ ކައުންސިލަށް ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެއާ އެކު މާލޭގެ ހަތަރު ސަރަހައްދެއްގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ފެން ހިންދާ ޕަންޕް ބޭނުންކޮށްގެން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭއަށް ވާރޭވެހިއްޖެ ނަމަ އާންމުގޮތެއްގައި ފެން ބޮޑުވަނީ އަމީނީ މަގުގައި ކަމަށްވިޔަސް މިއަދު މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ހާއްސަކޮށް މާފަންނު ސަރަހައްދުގައި ފެން ބޮޑުވެފައި ވާއިރު އެ ސަރަހައްދުގެ ގެތަކާއި ފިހާރަތަކަށްވެސް ފެން ވަނެވެ. މަޖީދީ މަގުން، މެދަކާ ހަމައިގައި ޖުމްހޫރީ ޕާޓީ އޮފީސް ހުންނަ ހިސާބުން ހުޅަނގަށް، އޯކިޑް މަގުން ފަތަހަ ސުންބުއްޔާ ހިސާބުން ހުޅަނގަށް ގޮސް ޒުވާނުންގެ މަރުކަޒާހަމައަށް ފެންބޮޑުވިއެވެ.

ރޭ މާލެއަށ ކުރި ވިއްސާރާގައި ގެތަކަށް ފެން ވަންނަ ވަރަށް ފެންބޮޑުވެފައި ވާ އިރު ފެންވަނަ ނުދިނުމަށްފިލާގަނޑެއް ޖައްސާފައި

ފެން ނުހިނދި އޮތް މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަންޕު ސުވިޗް އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިއުމަކީ ދެރަ ކަމެއް ކަމަށާއި މާލޭގައި ފެން ބޮޑުވީ އެ ސަބަބާ ހުރެ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ފެން ބޮޑު ނުވާ ވަރަށް މިއަދު ފެން ބޮޑުވެފައި ވާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި ވެހިކަލްތަކުގެ ފުރޮޅުތަކުގެ ބޮޑު ބައެއް ވެސް ފެނެއެވެ.