ފަތިހުންސުރެ ހުއްޓާ ނުލާ ވާރޭވެހި، މާލޭގައި ފެންބޮޑުވެއްޖެއެވެ.

އެއާއެކު ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރު ކުރަމުންދާ ނަމަވެސް މާފަންނުކޮޅު އެކަށްހެން އޮތީ ކަކޫތަ ފެނެއެވެ.

މާލޭއަށް ވާރޭވެހިއްޖެ ނަމަ އާންމުގޮތެއްގައި ފެން ބޮޑުވަނީ އަމީނީ މަގުގައި ކަމަށްވިޔަސް މިއަދު މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ހާއްސަކޮށް މާފަންނު ސަރަހައްދުގައި ފެން ބޮޑުވެފައި ވާއިރު އެ ސަރަހައްދުގެ ގެތަކާއި ފިހާރަތަކަށްވެސް ފެން ވަނެވެ. މަޖީދީ މަގުން، މެދަކާ ހަމައިގައި ޖުމްހޫރީ ޕާޓީ އޮފީސް ހުންނަ ހިސާބުން ހުޅަނގަށް، އޯކިޑް މަގުން ފަތަހަ ސުންބުއްޔާ ހިސާބުން ހުޅަނގަށް ގޮސް ޒުވާނުންގެ މަރުކަޒާހަމައަށް ފެންބޮޑުވިއެވެ.

މިހާރު ފެންގަނޑު މަޖީދީ މަގު ކޮޅުގައި ހުންނަ ސްޓާކަލައުޑްސް އާ ހިސާބުން ފެށިގެން އޮތް އިރު އެސަރަހައްދުތަކާއި މަޖީދީ މަގުގެ މެދަކާ ހަމައިން ޕޭމަންޓް މަތިން ފެންގަނޑު އަރާފައި ހުއްޓެވެ.

ފެން ނުހިނދި އޮތް މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަންޕު ސުވިޗް އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިއުމަކީ ދެރަ ކަމެއް ކަމަށާއި މާލޭގައި ފެން ބޮޑުވީ އެ ސަބަބާ ހުރެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕަންޕު ޖެއްސުނީ ކިރިޔާ ކަމަށާއި މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއުވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ނުހެދިފައިވާ ކަަމަށެވެ.

ފަހަކަށް އައިސް މާލޭގައި ފެން ބޮޑު ނުވާ ވަރަށް މިއަދު ފެން ބޮޑުވެފައި ވާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި ވެހިކަލްތަކުގެ ފުރޮޅުތަކުގެ ބޮޑު ބައެއް ވެސް ފެނެއެވެ.