މާތް ﷲ މި ބިންމައްޗަށް ފޮނުއްވި ރަސޫލުންގެ ތެރެއިން ނޫހް އަލަހިއްސަލާމް އަކީ ﷲ އެންމެ ލޯބިވެވަޑައިގެން ރަސޫލުންގެ ތެރެއިން އެއް ރަސޫލާ އަދި އެންމެ ބޮޑަށް އިމްތިހާނު ކުރެއްވި އެއް ރަސޫލާއެވެ. ކީރިތި ޤްރުއާނުގައި އެކަލޭނގެފާނުގެ ނަމުގައި ސޫރަތެއް ވެސް ބާވާލައްވާފައި ވާ އިރު ޤްރުއާނުގެ އެތަށް ތަނެއްގައި ނޫހްގެފާނުގެ ވާހަކަ އައިސްފައި ވެއެވެ. ނޫހްގެފާނަކީ މާތް ﷲގެ ބަސްފުޅު މީސްތަކުންނަށް ވިދާޅުވެ ދެއްވުމުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ރަސޫލާއަށް ވާ އިރު އެކަލޭނގެފާނު ދުނިޔޭގައި އުޅުއްވީ ކިތައް އަހަރު ކަމާ މެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެއެވެ.
މިގޮތުން ބައެއް އިލްމުވެރިން 950 އަހަރު ކަމަށް އިއްތިފާޤުވެ ވަޑައިގަންނަވާ އިރު އަނެއް ބައި އިލްމުވެރިންގެ ދިރާސާތައް ދައްކާ ގޮތުން ނޫހްގެފާނު 1050 އަހަރު ވަންދެން ދުނިޔޭގައި އުޅުއްވިއެވެ. އެކަލޭނގެފާނު ދުނިޔޭގައި އުޅުއްވީ ކިތައް އަހަރު ކަމެއް ކީރިތި ޤުރުއާނުން ސާބިތުނުވާ އިރު އިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވަނީ އިސްލާމީ ހިދާޔަތް މީސްތަކުންނަށް ވިދާޅުވެ ދެއްވުމުގައި ނޫހްގެފާނު އެތަށް ޤަރުނެއް ހޭދެކުރެއްވި ކަމަށެވެ.
ރަސޫލުކަމައިގެން ފޮނުއްވީ ބުދަށް އަޅުކަން ކުރާ ބައެއްގެ ގާތަށް
މާތް ﷲ ގެ ރަސޫލާ އިދްރީސް އަލަހިއްސަލާމް އަވަހަރާވުމަށް ފަހުން ދެން ރަސޫލު ކަމައިގެން ވަޑައިގަންވަވާނެ ބޭކަލެއް ނޭނގޭ ހާލު މީސްތަކުން އެނބުރި ގަތީ އެކަލޭނގެފާނުގެ ސަހާބީންނާ ދިމާލަށެވެ. މިގޮތުން، އެ ސޯލިހް އަދި ދީންވެރި ބޭކަލުންގެ ކިބައިން ދީނުގެ ކަންކަން މީސްތަކުން އުނގެނެމުން ދިޔަ ނަމަވެސް އަހަރުތައް ފާއިތުވެ އެ ބޭކަލުން ވެސް ދުނިޔެ ދޫކުރެއްވުމުން އަނެއްކާވެސް މީސްތަކުން ހިތްދަތިވެ ސީދާވެގެންވާ މަގުން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާން ފެށިއެވެ.
މި ބިރުގެ މަތީގައި އެމީސްތަކުން ތިއްބާ އޭގެ ނާޖައިޒު ފައިދާ ނެގީ އިބްހީލެހެވެ. އަދި އެ ބޭކަލުންގެ ސިފައިގައި ބުދުތަކެއް ހަދާ ބެހެއްޓުމަށާއި މިކަމުގެ ސަބަބުން އެބޭކަލުންގެ ހަނދާންތައް އާވާނެ ކަމަށް ބުނެ އިބްލީސް މީސްތަކުންނަށް ވަސްވާސް ދިނެވެ. އަދި މީސްތަކުން މާތް ﷲ ގެ މަގުން ކައްސުވާލާ ބުދަށް އަޅުކަން ކުރުމަށް އަނބުރާލުމުގައި އެކަލޭގެ ކާމިޔާބު ހޯދިއެވެ. އެގޮތުން، އެ ބުދުތައް ބެހެއްޓި މީހުން މަރުވެ ދިއުމަށް ފަހު ދެން އައި ޖީލަށް ވެސް އިބްލީސް ވަސްވާސް ލާދޭން ފެށިއެވެ. އެމީހުންގެ ކާބާފައިން މި ބުދުތަކަށް އަޅުކަން ކުރި ކަމަށާއި އެކަމުން އެމީހުންނަށް ގިނަ ގުނަ ފައިދާތައް ލިބުނު ކަމަށް ބުނެ ވަސްވާސް ދީ ހައްލަމުން ގެންދިޔައެވެ.
މިއާއެކު މީސްތަކުން ބުދަށް އަޅުކަން ކުރަން ފަށާ އެ ކަމުގެ މޫ އެމީހުންގެ ހިތްތަކުގައި ލިއެވެ.
ނޫހްގެފާނު ފޮނުއްވުން
އޭގެ އެތަށް ގަރުނުއެއް ފަހުން މާތް ﷲ ނޫހް އަލައިހިއްސަލާމް މީސްތަކުންގެ ގާތަށް ފޮނުއްވިއެވެ. ރަސޫލު ކަމައިގެން ނޫހުގެ ފާނު ފޮނުއްވެވި އިރު މާތް ﷲ އެކަލޭގެފާނަށް ހާއްސަ ސިފަތަކެއް ދެއްވިއެވެ. ބުނެވޭ ގޮތުގައި ނޫހްގެފާނަކީ ކިޔަމަންތެރި، ދޫ ފަރިތަ އަދި ކެތްތެރިކަމުގެ އިންތިހާއެވެ.
މި ސިފަތަކާއެކު އެކަލޭނގެފާނު މާތް ﷲގެ ހިދާޔަތް މީސްތަކުންނަށް ދެއްވަން ފެއްޓެވިއެވެ. މިގޮތުން، ކާއިނާތުގައި ފޮރުވިފައިވާ ކަންކަމާއި އެކަންކަމުގެ ހަގީގަތްތަކާއި ޖަނަވާރާއި ދޫނި ސޫފާސޫފީގެ ވާހަކަތައް ވިދާޅުވެ ދެއްވިއެވެ. އަދި އިންސާނާ އުފެއްދެވީ މާތް ﷲ އަށް އަޅުކަން ކުރަން ކަމަށާއި އެކަލާނގެ އަކީ އެއްކައުވަންތަ ރަސްކަލާނގެ ކަމަށް ވިދާޅުވިއެވެ. ނޫހްގެފާނު ވިދާޅުވީ، މީސްތަކުންނަށް އޮޅުވާލައި ބުދަށް އަޅުކަން ކުރަން ޝައިތާނާ ވަސްވާސް ދޭ ކަމަށާއި މާތް ﷲގެ މަގަށް އަލުން ރުޖޫއަވުމަށެވެ.
ނަމަވެސް ނޫހްގެފާނުގެ ދައުވަތު ގަބޫލުކޮށް ދީނަށް އެނބުރި އައީ މަދު ބަޔަކަށްވާ އިރު އޭގެ ތެރޭގައި ގިނައީ ފަގީރުންނެވެ. ދެން ތިބި މީހުން ނޫހްގެފާނާ ކުރިމަތިކުރަމުން ގެންދިޔައީ ސުވާލުތަކެވެ. އަދި އެމީހުންނަށް ފެންނަނީ [މޫސާގެފާނު] އެމީހުން ފަދަ އިންސާނެއް ކަމަށް ބުންޏެވެ. ޖަވާބުގައި އެކަލޭނގެފާނު ވިދާޅުވީ، ތިމަން ކަލޭނގެފާނަކީ ވެސް އިންސާނެއް ކަމަށާއި މާތް ﷲ އިންސާނުންގެ ގާތަށް ރަސޫލުންގެ ގޮތުގައި ފޮނުއްވާނީ ވެސް އިންސާނުން ކަމަށެވެ.
ނޫހްގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން ކާފިރުވީ މުއްސަނދިން ދެން ބޭނުންވީ އެކަލޭނގެފާނަށް ތަބާވި މަދު މީސްކޮޅުގެ ތެރޭގައި ހިމެނޭ ފަގީރުން ދީނުން ބޭރުކުރުމަށެވެ. އަދި މުއްސަނދިންނާއި ފަޤީރުންނަށް އެއް ދީނެއް ގަބޫލު ނުކުރެވޭނެ ކަމަށް ބުނެ އެމީހުން ބޮޑާވެގަތެވެ.
އޭގެ ޖަވާބުގައި ނޫހްގެފާނު ވިދާޅުވި ބަސްފުޅުގެ މާނައިގައި ވެއެވެ.
"އޭ އަހަރުންގެ ގައުމުގެ މީހުންނެވެ. އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަން ކަލޭނގެފާނަށް އުޖޫރަ ﷲ ގެ ހަޟްރަތުން މެނުވީ ނުވެއެވެ. އަދި އީމާންވެއްޖެ މީސްތަކުުން ފަހައި ބޭރުކުރާ މީހަކު ކަމުގައި ތިމަންކަލޭނގެފާނު ނުވަމެވެ. ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނީ ޖާހިލު ބަޔަކުކަމުގައި ތިމަންކަލޭނގެފާނު ދެކެވަޑައިގަންނަވެމެވެ. (ސޫރަތުލް ހޫދް، 29)
އެތަށް ގަރުނުއެއް ފާއިތުވީ އިރު ވެސް ނޫހްގެފާނަށް ތަބާވާ މީހުން އިތުރެއް ނުވޭ
ނޫހްގެފާނުގެ ގައުމުގެ މީސްތަކުން އެކަލޭނގެފާނަށް ތަބާވާން ދެކޮޅު ހެދި އިރު އެމީހުން އެކަލޭނގެފާނަށް މަލާމާތްކޮށް އުދަނގޫކޮށް ހެދިއެވެ. އަދި އެކަލޭނގެފާނު ފެނުމުން ދުވެ ފިލާ އެކަލޭނގެފާނުގެ ބަސްފުޅު އެހުމަށް ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް ކެތްތެރިކަމާއެކު އެކަލޭގެފާނު މީސްތަކުންނަށް ހިދާޔަތް ދެއްވުމުގައި ހުންނެވި ނަމަވެސް ދީނު ގަބޫލުކުރާ މީހުންގެ އަދަދު އިތުރު ނުވެ ކާފިރުވާ މީހުންގެ އަދަދު ގިނަވާކަން އެކަލޭނގެފާނަށް ފާހަގަ ކުރެއްވުނެވެ.
މިކަމާ ހިތްދަތިވެވަޑައިގެން ނޫހްގެފާނު މާތް ﷲ އަށް ދުއާ ކުރެއްވި އިރު އެކަލާނގެ ދެއްވީ އެއަށް ވުރެ ހިތާމަވެރި ހަބަރެކެވެ. އެއީ ދެން އިންސާނުންގެ ތެރެއިން އެއްވެސް މީހަކު ނޫހްގެފާނަށް ތަބާ ނުވާނެ ކަމުގެ ހަބަރެވެ. މި ހަބަރާ އެކު ނޫހްގެފާނު މާތް ﷲއަށް ވަރުގަދަ ދުއާއެއް ކުރެއްވިއެވެ. އަދި ކާފިރުވީ މީހުން މި ބިންމަތިން ނައްތާލުމަށް އެދިވަޑައިގަތެވެ. އޭގެ ތެރެއިން އެކަކު ވެސް ދޫކޮށްފިނަމަ އެމީހުން އެހެން މީހުން މަގު ފުރައްދާނެ ކަމަށާއި ކާފިރުވާ ދަރިން މެނުވީ އެމީހުން ނުވިހާނެ ކަމަށް ވެސް އެކަލޭނގެފާނު ދެންނެވިއެވެ.
މިދުއާގެ ޖަވާބުގައި މާތް ﷲ ނޫހްގެފާނަށް ވަހީކުރެއްވީ ނައުކޮޅެއް ބެންނެވުމަށެވެ.
ނޫހްގެފާނުގެ ނައުކޮޅު ހެއްދެވީ މަލާއިކަތުންގެ އެހީއާއި މަދަދާ އެކު
މީސްތަކުން އުޅޭ ސަރަހައްދާއި ކަނޑާވެސް ދުރުގައި ނޫހްގެފާނު އެކަލޭނގެފާނުގެ ނައުކޮޅު ހައްދަވަން ފެއްޓެވިއެވެ. ދުވާލާއި ރޭގަނޑު މިމަސައްކަތުގައި އެކަލޭނގެފާނު ގިނިކަންޏާ އުޅުއްވި އިރު މިކަމުގައި އެކަލޭނގެފާނަށް އެހީތެރިވެވަޑައިގަތީ މާތް ﷲގެ މަލާއިކަތުންނެވެ. ނައުކޮޅު ހެއްދެވި އިރު ނޫހްގެފާނުގެ ގައުމުގެ މީސްތަކުން އެކަލޭނގެފާނަށް ހުއްޓާނުލާ މަލާމާތް ކުރަމުން ދިޔައެވެ. އަދި ރަސޫލު ކަމަށް ވުރެ ވަޑާންކުރުމާ މާ ގަޔާވީތޯ އަހާ މަލާމަތް ކުރިއެވެ. ކަނޑާއި ތިހާ ދުރުގައި ބޮޑު ނަވެއް ބަންނަނީ ވައި އައިސް އެގެންދާނެތީތޯ ސުވާލުކޮށް ފުރައްސާރަ ކުރިއެވެ.
ޣަރަގުވީ މީހުންގެ ތެރޭގައި ނޫހްގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން ހިމެނޭ
މާތް ﷲ ނޫހްގެފާނަށް ވަހީ ކުރެއްވީ އެކަލޭނގެފާނުގެ ގެކޮޅުގެ އުނދުނުން ފެން އަރަން ފެށުމުން، އެ ބެންނެވި ނައުކޮޅަށް އީމާންވީ މީސްތަކުންނާއި ޖަނަވާރުންގެ ތެރެއިން ކޮންމެ އެއްޗަކުން އަންހެން އެއްޗަކާއި ފިރިހެން އެއްޗެއް ނަވަށް އެރުވުމަށެވެ.
މާތް ﷲ ގެ ކޯފާ ނޫހްގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އައި ދުވަހު ކަންތައް ވީ އެކަލާނގެ ވާހީކުރެއްވި ގޮތަށެވެ. އަދި އުނދުނުން ފެން އަރަން ފެށުމުން ނޫހްގެފާނު އެކަލޭނގެފާނަށް އީމާންވީ މީހުންނާއި ޖަނަވާރުތަކާއި ދޫނި ސޫތްޕާއި ސޫފީގެ ޖޯޑުތައް ނަވަށް އެރުވުމަށް އަވަސްވެ ގަތެވެ. މިތަންފެނި އެކަލޭނގެފާނުގެ ގައުމުގެ މީހުން އަނެއްކާވެސް އެކަލޭނގެފާނަށް މަލާމާތް ކުރިއެވެ.
އެހެން ނަމަވެސް މާގިނަ އިރު ތަކެއް ނުވެ ވާރޭ ވެހެން ފަށާ ބިމުން ވެސް ފެން އަރަން ފެށިއެވެ. އަދި ކަނޑުގެ ލޮނުގަނޑުވެސް ބޮޑުވެ މުޅި ބިމުގައި ފެންބޮޑުވެއްޖެއެވެ. ނޫހްގެފާނާއި އެކަލޭނގެފާނަށް ތަބާވީ މީހުން ނައުކޮޅުގައި ސަލާމަތުން ތިއްބެވި ހާލު ޣަރަގު ވަމުންދާ މީހުންގެ ތެރެއިން ނޫހްގެފާނަށް އެކަލޭނގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން ފެނިވަޑައިގަތެވެ. އަދި ކާފިރުކަން ދޫކޮށްލާ މާތް ﷲ އަށް ތަބާވެ ނަވަށް އެރުމަށް ނޫހްގެފާނު އެކަލޭނގެފާނުގެ ދަރިކަލުންނަށް އާދޭސް ދެންނެވިއެވެ. އެހެން ނަމަވެސް އޭނާ އެބަސް ގަބޫލު ނުކޮށް ފަރުބަދައަށް ގޮސް ސަލާމަތްވާނެ ކަމަށް ބުނެ އެ ފުރުސަތު ދޫކޮށްލިއެވެ. އަދި ޣަރަގުވީ މީހުންގެ ތެރޭގައި އޭނާ ހިމެނުނު އިރު ނޫހްގެފާނަށް ކާފިރުވީ ހުރިހާ އެންމެ މާތް ﷲގެ ކޯފާގައި ގެނބިގެން ދިޔައެވެ.
ކާފިރުވީ މީހުން ޣަރަގުވުމުން ފެންގަނޑު ހިނދި ވާރޭ ހުއްޓިއެވެ. އެއާއެކު ނޫހްގެފާނުގެ ނައުކޮޅު ސަލާމަތްކަމާއެކު ދަތުރުކުރަމުން ގޮސް އެއްގަމަށް ކައިރިވި އިރު މާތް ﷲގެ ރަހްމަތްފުޅާއެކު ނައުކޮޅުން ފޭބުމަށް ނޫހްގެފަނާއި އެކަލޭނގެފާނަށް ތަބާވީ މީހުންނަށް ﷲ އަމުރު ކުރެވުނެވެ.
ނައުކޮޅުގައި ތިބި މީސްތަކުން ފައިބާ އޭގައި ހުރި ޖަނަވާރުތަކާއި ދޫނި ސޫތްޕާއި ސޫފި ދޫކޮށްލި އިރު ނޫހްގެފާނު ބިންމަތީގައި ނިތްޕުޅު ޖައްސަވާ މާތް ﷲގެ ރަހްމަތަށް ޝުކުރު އަދާ ކުރައްވާ ސަޖިދަ ކުރެއްވިއެވެ. އަދި އެކަލޭނގެފާނަށް ތަބާވީ މީހުންނާ އެކު ނޫހްގެފާނުގެ ހަޔާތްޕުޅުުގެ ބާކީ ދުވަސްތައް ހޭދަކުރެއްވިއެވެ.