އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވާ، ޖުމްހޫރީ ޕާޓީގެ ކައުންސިލުންނާއި އެ ޕާޓީގެ މެންބަރުކަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އިސްތިއުފާ ދެއްވައިފިއެވެ.

ހަސަން ޝާހް އިސްތިއުފާ ދެއްވައި ޖޭޕީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، [ރައީސް ސޯލިހުގެ މި ސަރުކާރުގައި ދައްކަވައި ދެއްވާފައި ވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމާއި ތަރައްގީ ކަަމަށެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާޞުގައި ރައިސް ސޯލިހަށް ތާއިދު ކުރައްވަން ނިންމަވާ ކަމަށާއި ޕޭޖީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ޖޭޕީގެ ސްލޮޓެއްގައި ޝާހު އެންމެ ފުރަތަމަ ފުރުއްވީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމެވެ. އެއަށްފަހު، އޭނާ ވަނީ އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ބަދަލު ކޮށްފައެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ވާދަ ކުރަން ނިންމުމާ އެކު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަންނަނީ ޕާޓީން ވަކިވަމުންނެވެ.

ޝާހް އިސްތިއުފާ ދެއްވާފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އާމިނަތު މުހައްމަދު ސަލީމް (ސޯނީ) ވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވުމަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ. ހަމައެއާއެކު އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.