ދިވެހިން މިހާރު ބޭނުން ވަނީ ކުރިން ވެރިކަން ކުރި ރައީސުންނާއި ކޯލިޝަންގެ ބައިވެރިން ބަދަލުކުރަން ކަމަށް ސައިރެކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ވެރިކަން ހިންގާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ މެދު ވެސް ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ކޯލިޝަނުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ނަޝީދުގެ މަންދޫބު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝަރީފު ވިދާޅުވީ، ސެޕްޓެމްބަރު 9، 2023ގައި ބަދަލުވާން ޖެހޭނީ ވެރިކަމުގެ ނިޒާމުގެ ބަދަލުގައި 2008 އަހަރުން ފެށިގެން ވެރިކަން ކުރި ރައީސުންނާއި ކޯލިޝަންގެ ބައިވެރިން ކަމަށެވެ.

ތިޔަ ތެލިން ކެއްކޭނެ ރިހައިގެ ރަހަ ދެން ވަރަށް ހިތިވާން، ރައްޔިތުން ބޭނުންވަނީ އާ ފިކުރެއް، އާމޫނެއް
އަހްމަދު ޝަރީފް

ޖޭޕީއާއި ރައީސް ނަޝީދުގެ މަންދޫބުންގެ ދެ ވަނަ މަޝްވަރާ ބައްދަލުވެއް ރޭ ކުރިއަށް ގެންގޮސްފަައި ވާއިރު ހަސަން ލަތީފު ވަނީ އެކީގައި މަސައްކަތް ކުރާއިރު ކުރެވޭނެ ހުރިހާ ކަމެއްގެ މަޝްވަރާ ކުރައްވަމުން ގެނަދަވާ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ސަރުކާރު ހިނގާނެ ގޮތުގެ މަޝްވަރާ އަދި ނިޒާމީ ވޯޓަކަށް ދާއިރު އަމަލު ކުރާނެ ގޮތުގެ މަޝްވަރާ ވެސް ކުރައްވާފައިވާ ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ލިބުނު ދައުވަތު ގަބޫލު ނުކުރައްވައި ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި އަމިއްލަ ކޯލިޝަނެއް އުފެއްދެވުމަށް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ސަލަފް ޖަމްއިއްޔާއާ ވެސް ބައްދަލު ކުރައްވާފައި ވެއެވެ.

ގާސިމް އެންމެ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވަނީ، ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވާފައިވާ ރައީސް މުހައްމަދު ނަޝީދާއެވެ. ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމަށް ތާއީދު ކުރަން ވަނީ ރޭ ނިންމާފައެވެ. މިހާރު ހަލުވިކަމާއެކު ކުރިއަށް ދަނީ އެގްރިމެންޓް ހެދުމުގެ މަސައްކަތް ކަމަށް ނަޝީދު ފެކްޝަނުގެ ފަރާތުން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.