ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރައީސް ގާސިމް އިބްރާހިމަށް ތާއީދު ކުރަން ނިންމައިފިއެވެ.
ޖޭޕީއާއެކު ރަސްމީކޮށް ކޯލިޝަންގެ މަސައްކަތް ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ރޭ ފިކުރެއްގެ ދިރުން ފެކްޝަނުގެ އަދި ޖޭޕީގެ މަންދޫބުން ކުނޫޒުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ކޯލިޝަން ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ މިހާރު ކުރަމުންދަނީ "އެ ދިމާލަށް ދިއުމަށް ކުރެވޭ މަސައްކަތްތައް" ކަމުގައެވެ. އެގޮތުން އެގްރިމެންޓެއް ހަދާނެ ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަނީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް ކަމަށާއި އެމަނިކުފާނު މިހާރު ޖޭޕީއާއެކު ކުުރައްވާ މަސައްކަތަކީ ވެސް އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމުގައެވެ.
ޖޭޕީގެ މަންދޫބުންނާއެކު ރޭ ބޭއްވި މަޝްވަރާ ބައްދަލުކުރުމުގައި ފިކުރެއްގެ ދިރުން ފެކްޝަންގެ ފަރާތުން ބައިވެރިވެފައިވަނީ އެމްޑީޕީގެ ނައިބް ރައީސް އަދި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަދި ހަސަން ލަތީފެވެ. އެއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން އަމްރު މިދިޔަ އާދިއްތަ ދުވަހު ވަކިކޮށްފައިވާއިރު ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން މުހައްމަދު ޝިފާޒް ވަކިކޮށްފައިވަނީ އިއްޔެއެވެ.
އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބުވެ ޕާޓީ ތެރޭގައި ދެބަސްވުން އުފެދުމުގެ ސަބަބުން ރައީސް ނަޝީދު ވަނީ ޕާޓީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި ފެކްޝަނެއް ހަދާފައެވެ. އަދި ރައީސް ސޯލިހްދަނީ "ކުރިއަށް"ގެ ނަމުގައި ފެކްޝަނެއް އުފައްދާ ކެމްޕެއިން ކުރިއަށް ގެންދަމުންނެވެ.