އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބާއްވަން ތައާވަލުކުރި އަޑުއެހުން ކެންސަލްކުރުމަށްފަހު މާދަމާއަށް ފަސްކޮށްފިއެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މި މައްސަލާގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ހާމަކޮށްފައި ނުވާއިރު މިއީ މި މައްސަލައިގެ އަޑުއެހުމެއް ކެންސަލްކުރި ދެވަނަ ފަހަރެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމަށް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކޯޓަށް ހުށަހަޅާފައިވާ މި މައްސަލާގައި ވަނީ އެމްޑީޕީން އުސޫލާ ހިލާފަށް 39،000 މެންބަރުން ވަކިކޮށްފައި ވާކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ނުލިބި ބާއްވާ ޕްރައިމަރީއެއް ސައްހަ ނުވާނެކަމަށް ބަޔާންކޮށް ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ އެމައްސަލަ ބަލައި ނިމެންދެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރުމަށް ޖުމްލަ ތިން މީހަކު ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު ކޯޓުން ބަލައިގަތީ އަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެވެ. މި މައްސަލާގެ ފުރަތަމަ އަޑުއެހުމެއް ބާއްވަން މި މަހުގެ ފަސްވަނަ ދުވަހު ނިންމި ނަމަވެސް މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ބުނުމާ ގުޅިގެން އެ ދުވަހުގެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

ރައީސް ނަޝީދުއަށް ތާއިދުކުރާ ފަރާތަކުން ހުށަހެޅި މި މައްސަލަ އާއި ގުޅިގެން އެމްޑީޕީން ވަނީ އަލީ އަމްޖަދަކީ ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހެއް ނޫންކަމަށް ބުނެފައެވެ. އެ ދުވަހު މައްސަލަ މަޑުޖައްސާލީ މި މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވާން 10 ދުވަސް ދިނުމުގެ ގޮތުންނެވެ.