މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ މާލޭގައި ހަވާއަރުވަން ނިންމައިފިއެވެ.

މާދަމާއަކީ ކައިޒީންގެ އުފަން ދުވަހަށްވާއިރު ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 12 ޖަހާއިރެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނި މިރޭ ހަވާއަރުވަން ހަމަޖެހިފައިވަނީ މާލޭގައި އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށާއި އެއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އެ ހަރަކާތް ކުރިއަށް ދާނީ 6 މިނެޓެއް ހާއިރަށް ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ކުލަގަދަކޮން އުފަންދުވަސް ފާހަގަކުރާ ކައިޒީންގެ މިދިޔަ އަހަރުގެ އުފަން ދުވަސް ފާހަގަކޮށްފައިވަނީ އިންޑިއާގެ ތާޖް މަހަލްގައެވެ. އަދި 2021 ވަނަ އަހަރުގެ އުފަން ދުވަސް ފާހަގަކޮށްފައިވަނީ ދުބާއީގެ ބްރިޖް ހަލީފާގައެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފާވެއެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ހަވާ އަރުވާފައިވާއިރު އީދުތަކާ ދިމާކޮށް ރަށް ރަށަށް ގޮސްވެސް ވިޔަފާރި އުސޫލުން ހަވާއަރުވަދެއެވެ.