ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ މޮޓޯކޭޑް އަށް ހުރަސްއެޅި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމާ ގުޅިގެން ޖުމްލަ ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ދޫކޮށްލާފައި ވަނީ 39 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންވެސް ދޫކޮށްލާފައި ވަނީ ބަންދަށް އެންމެ ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކުއެވެ.
މި މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލަމުން ބުނެފައި ވަނީ ފުލުހުންގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބަލާއިރު އެ މީހުންގެ ފަރާތުން މި ފަދަ ކަމެއް ތަކުރާރު ވުމުގެ ފުރުސަތު ކުޑަކަމަށެވެ. އެހެންކަމުން އެ މީހުން ދޫކުރިނަމަވެސް މުޖުތަމައަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށް ފެންނާތީ ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކޯޓުން ވަނީ ބުނެފައެވެ.
މި މަހުގެ 20 ވަނަ ދުވަހު، އިދިކޮޅު ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.
މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވިއިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލެއްވުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރި ވެފައި ވެއެވެ.
އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއިން ބަލަން ފަށާފައި ވާއިރު އެ މައްސަލައާ ގުޅިގެން ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ އިބްރާހިމާއި ސިފައިންގެ އިތުރު ބަޔަކު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.